ކ. ކާށިދޫގައި މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލް މުހައްމަދު ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމުގެ އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ކާށިދޫ ސުވާސާގޭ، މުހައްމަދު ސަމާހު ޖުލައި، 2012 ގައި ގެއިން ބޭރަށް ނިކުމެ އުޅޭތަން ފެނިގެން އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އާދަމް ހަލީމް އުޅުމުން އޭނާއަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.
އެ ހުކުމް އިސްތިއުނާފް ކުރަން ސަމާހުގެ ފަރާތުން ހުށަނާޅާތީ އެ ހުކުމަކީ ނިހާއީ ހުކުމެއް ކަން ކަށަވަރު ކުރަން ހައި ކޯޓަށް ދައުލަތުން ހުށަހަޅާފައިވާއިރު، އެ ހުކުމް ހުކުމް ހައި ކޯޓުން ދެމެހެއްޓީ 2020 ވަނަ އަހަރު އެވެ.
އެ މައްސަލަ ސަމާހުގެ ފަރާތުން އިސްތިއުނާފު ކުރުމާއި ގުޅިގެން މައްސަލައިގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ތާވަލް ކޮށްފައިވަނީ އަންނަ ހޯމަ ދުވަހަށެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން މި މައްސަލަ ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.
އާދަމުގެ ދަރިއެއްގެ ހައްގު އެކުލެވޭ ކުށަކަށް އިއުތިރާފްވުމަށް ފަހު އެ އިއުތިރާފް އަނބުރާ ނުގެންދެވޭނެ ކަމަށް އިސްލާމީ ފިގުހު އިލްމުވެރިން ބަޔާން ކުރައްވާފައިވާ ކަމަށާއި އެފަދަ އިއުތިރާފްތަކާ އެއްގޮތަށް ހުކުމް ކުރަން ފަނޑިޔާރުންނަށް ލާޒިމްވާނެ ކަމަށް ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.
ހަމައެހެންމެ އާދަމްގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ އޭނާ މެރުމަށް ކުރި ހުކުމް ރަނގަޅު ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.