ސަރުކާރު ކުންފުނިތަކުގައި ވަޒީފާތައް އުފެދޭ މިންވަރު ގިނަވަނީ، ސަރުކާރުން ހިންގާ މަޝްރޫއުތައް އިތުރުވާތީކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ވާދަކުރައްވާ ކެނޑިޑޭޓު، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރު ކުންފުނިތަކުގެ އިސްރާފު ބޮޑު ވާހަކައިގެ އިތުރުން، ސަރުކާރުން ބޭކާރު ހަރަދުކުރައްވާކަމަށް ފާހަގަކޮށް، އަދި ސަރުކާރުން ގިނަ ވަޒީފާތައް ދެނީ ރައްޔިތުން އަޅުދާސްތުކުރަންކަމަށް ވިދާޅުވެފައިވާތީ، ނޫސްވެރިއަކު ވަނީ މިއަދު އެކަން ފާހަގަކޮށްފަ އެވެ.

އެވާހަކަތަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ސަރުކާރު ކުންފުނިތަކުގައި ވަރަށް ގިނަ ވަޒީފާ އުފެދޭކަމަށެވެ. މިއުވާން ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބަކީ ޕްރޮޖެކްޓްތައް އިތުރުވާތީ އެވެ.

"މަޝްރުއުތައް ގިނަވާ ވަރަކަށް، ތަރައްގީގެ ޕްރޮޖެކްޓްތައް ގިނަވާ ވަރަކަށް ވަޒީފާ އިތުރުވާނެ އިނގޭތޯ، ދިވެހި ރައްޔިތުންނަށް ވަޒީފާ ލިބިގެން އެދަނީ" މިއުވާން ވިދާޅުވި އެވެ.

މަސައްކަތްތަށް ނުހިނގާކަމުގެ ވާހަކަދައްކަވާ ބޭފުޅުން ވަޒީފާތައް އުފައްދާކަމަށް ދެންނެވުމުން، މިއުވާން ވިދާޅުވީ އެ ފާހަގަކުރެވެނީ މަޝްރޫއުތައް ހިގާކަމުގެ ވާހަކަކަންކަމަށެވެ.

ސަރުކާރުން ބޮޑެތި ހަރަދުތައް ކުރާ ސިޔާސީ މަގާމުތަކާއި ދެކޮޅަށް މީގެ ކުރިން އެމްޑީޕީން ވާހަކަ ދެއްކި ނަމަވެސް މި ވެރިކަމުގައި އުފެދި ސިޔާސީ މަގާމުތައް ވަނީ މިދިޔަ ދައުރާއި އަޅާ ބަލައި އިތުރުވެފަ އެވެ. އަދި އަންނަ އަހަރު ސިޔާސީ މަގާމުތައް އިތުރު ވާނެކަމަށް 2023 ވަނަ އަހަރަށް ފާސް ކުރި ބަޖެޓުގައިވެ އެވެ.