ޓެރަރިޒަމްއާއި ހިއުމަން ޓްރެފިކިން ފަދަ ގާނޫނާ ޚިލާފު ކަންކަމަށް ހޭދަކުރާ ކްރިޕްޓޯ ކަރަންސީގެ އަދަދު ފާއިތުވި ފަސް އަހަރު ތެރޭގައި އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ރިޕޯޓަކުން ބުނެފި އެވެ.

ކްރިޕްޓޯ ކަރަންސީގެ ތަފާސް ހިސާބުތައް ބަލަހައްޓާ ކުންފުންޏެއް ކަމަށްވާ ޗެއިނަލިސިސްއިން ނެރުނު އެ ރިޕޯޓުގައި ބުނެފައިވަނީ 2022 ވަނަ އަހަރު ޣައިރު ގާނޫނީ ކަންކަމަށް ހޭދަކޮށްފައިވާ ކްރިޕްޓޯ ކަރަންސީގެ އަގު 20 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ.

"ބިޓްކޮއިންއާއި އެތެރީއަމް ފަދަ ކްރިޕްޓޯ ކަރަންސީތަކަކީ ބްލޮކް ޗެއިން ޓެކްނޮލޮޖީގެ ރައްކާތެރިކަމާއެކު އުފައްދާފައިވާ ކަރަންސީތަކެއް ނަމަވެސް މި ކަރަންސީ މޮނީޓާ ކުރުމަކީ އުނދަގޫ ކަމެއް" ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުން 2022 ވަނަ އަހަރު މިފަދަ ކަންކަމަށް ހޭދަކޮށްފައިވާ 20 ބިލިއަން ޑޮލަރުގެ ދެބައިކުޅަ އެއްބައި ޖަމާވެފައިވަނީ ބައިނަލްއަގުވާމީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޖަމާއަތްތަކަށް ކަމަށެވެ.

މިގޮތަށް ހޭދަކޮށްފައިވާ ގިނަ ފައިސާއަކީ ޑިޖިޓަލް ސްކޭމްތަކާއި ވައްކަމުގެ ތެރެއިން ހޯދާފައިވާ ފައިސާ ކަމަށް ވެސް ޗެއިނަލިސިސްގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

2022 ވަނަ އަހަރަކީ ކްރިޕްޓޯ ކަރަންސީއަށް ގެއްލުން ބޮޑު އަހަރަކަށް ވީއިރު ކްރިޕްޓޯ ކަރަންސީ ކުންފުނިތަކެއް ބަނގުރޫޓު ވެފައި ވެސްވެ އެވެ.

އެހެން ނަމަވެސް އެ އަހަރު ޣައިރު ގާނޫނީ ކަންކަމުގައި ބޭނުންކުރާ ކްރިޕްޓޯ ކަަރަންސީގެ ހިއްސާ 0.24 ޕަސެންޓް އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. -- އަލް އަރަބިއްޔާ