ބޮލީވުޑްގެ "ޑްރާމާ ކުއީން" ގެ ގޮތުގައި މަޝްހޫރުވެފައިވާ އަދި ނެށުންތެރިޔާ ރާކީ ސާވަންތު އޭނާގެ ލޯބިވެރިޔާ އާދިލް ޚާނާއި ކައިވެނިކޮށްފައިވާ ކަމަށް ބުނެ ވީޑިއޯ އާންމުކުރި ނަމަވެސް އެކަމަށް އާދިލް އިންކާރުކޮށްފި އެވެ.

ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ރާކީ ސާވަންތާއި އާދިލްގެ ކައިވެނީގެ ފޮޓޯތަކެއް ވެސް ރާކީގެ އިންސްޓަގްރާމްގައި ވަނީ އާންމުކޮށްފަ އެވެ. މިފޮޓޯތައް އާންމުކުރުމާއެކު ސޯޝަލް މީޑިއާގައި މިފޮޓޯތައް ވަނީ ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ.

މިކަމާ ގުޅޭ ގޮތުން ނޫސްވެރިން ރާކީ އާ ސުވާލުކުރުމުން ރާކީ ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި ގައި އޭނާ ކައިވެނިކޮށްފައިވާ ކަމަށެވެ.

އާދިލް އަކީ މުސްލިމެކެވެ. ވީޑިއޯ އިން ފެންނަނީ މުސްލިމް ކައިވެންޏެއް ދެމީހުން ކުރާތަނެވެ. ކައިވެންޏަށް ފަހު ރާކީގެ ނަން ވެސް ފާތިމާއަށް ބަދަލުކޮށްފައިވާ ބުނެ އެވެ.

އެހެން ނަމަވެސް މިކައިވެންޏާ ބެހޭ ގޮތުން ރާކީގެ ފިރިމީހާ އާދިލް ވަނީ އިންކާރުކޮށްފަ އެވެ. އަދި ކައިވެނި ނުކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން، އާދިލް އާއި ރާކީ، މީޑިއާއަކާ، ފޯނުން ދެއްކި ވާހަކަތަކެއް ލީކުވެފައިވާއިރު، އެ ފޯނު ކޯލުގައި ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހިގެން އުޅޭތޯ އަދި ކައިވެނި ވީޑިއޯ އަކީ ފޭކެއް ކަމަށް އާދިލް ބުނާ ސަބަބާ ބެހޭގޮތުން ވާހަކަދައްކާފައިވެ އެވެ.

އާދިލް ބުނާ އަޑު އިވެނީ، އޭނާ އާއި ރާކީ އާއި ދެމެދު މައްސަަލަ ނުޖެހޭ ކަމަށާއި، ރާކީ ރޯންވީ ސަބަބެއް އޭނާ އަށް ނުވިސްނޭ ކަމަށެވެ. އަދި ކައިވެންޏަކީ ފޭކެއް ކަމަށް ބުނި ބުނުމަށް އެއްވެސް ކޮމެންޓެއް އެފޯން ކޯލުގައި ދޭން ބޭނުން ނުވާ ކަމަށާއި، ދެ ދުވަސް ފަހުން އެކަމާއި ވާހަކަދައްކަން އިންޓަވިއު އެއް ދޭނެ ކަމަށް އާދިލް ބުނާ އަޑު އިވެ އެވެ.

ރާކީގެ ކައިވެންޏާ ބެހޭ ގޮތުން މީގެ ކުރިންވެސް ތަފާތު ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. އެގޮތުން ރިތޭޝް ނަމަކަށް ކިޔާ ވިޔަފާރިވެރިއަކާއި ކައިވެނިކޮށްފައިވާ ކަމަށް ބުނެ އިންސްޓަގްރާމަށް ކައިވެނީގެ ހެދުމެއްގައި ނަގާފައިވާ އޭނާގެ ފޮޓޯލި އެވެ. އެކަމަކު އޭރު ރިތޭޝްގެ ފޮޓޯ ހާމަނުކުރާތީ ފޮޓޯ ހާމަނުކުރަނީ ރިތޭޝް ލަދުގަންނާތީ ކަމަށް އޭރު ރާކީ ބުނަމުންދިޔަ އެވެ. އެއީ ވެސް ރާކީ ހެދި ދޮގެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އެ ކައިވެނިކޮށްގެން އުޅޭތާ އެތައް ދުވަހެއްވި ފަހުން ރިތޭޝް ދައްކާލީ ބިގޮބޮސް 15 ގަ އެވެ. އަދި ފަހުން އެއީ ރިތޭޝް ނޫން ކަމަށާއި އެއީ އެ ޝޯގެ ޕްރޮޑިއުސަރުން ވިއުސް ގިނަކުރަންވެގެން ގަސްތުގައި ކުރި ކަމެއްގެ ގޮތުގައި ތުހުމަތުކުރަމުން ދަނިކޮށް، މާގިނަ ދުވަސްތަކެއް ނުވެ، އެ ދެމީހުން ވަކިވި ޚަބަރު ވެސް އިއުލާންކުރި އެވެ.

"ބިގް ބޮސް މަރާޓީ 4" ގެ ގެއިން ވަރަށް ފަހުން ރާކީ ވަނީ ނުކުމެފަ އެވެ. އަދި ރާކީގެ ކައިވެނީގެ ވާހަކަތައް ފެތުރެން ފެށީ އެގެއިން އޭނާ ނުކުތް ފަހުންނެވެ.