ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

މިއީ ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ކެމްބޯޑިއާގެ ބޮޑު ވަޒީރަށާއި އެމަނިކުފާނުގެ އަރިހުގައި ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ މިދަތުރުފުޅުގައި ރައީސް ސޯލިހާއި ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާނެ އެވެ.

މީގެ އިތުރުން މިދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ސަރުކާރުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައި، ދެ ގައުމުގެ ގުޅުން ހަރުދަނާކުރެވިދާނެ ބައެއް ދާއިރާތަކުން ފަހުމްނާމާތަކުގައި ސޮއެކުރައްވާނެ އެވެ. އަދި ރަސްމީ ވާހަކަފުޅުތަކަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ގުޅިފައިވާ ބަޔާނެއް ދެއްވާނެ އެވެ.

ދިވެހިރާއްޖެއިން ކެމްބޯޑިއާ އާއެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ، 21 ސެޕްޓެމްބަރު 1995 ގަ އެވެ.