އެއިރެއްގައި އޮންނަ ކޮންމެ ސަރުކާރަލުންވެސް ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ 2008ވަނަ އަހަރުން ފެށިގެން ލިބޭ ކަމަށެވެ.

"އަބަދުވެސް، 2008ން ފެށިގެންވެސް އަބަދުވެސް އަންނަ ޝަކުވާއެއް އެއިރެއްގައި އޮންނަ ސަރުކާރަކުން ކެމްޕޭން ކުރެއްވުމުގެ ތެރޭގައި ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރައްވައޭ،" އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ވަސީލަތްތައް ބޭނުންކުރައްވާއިރު ބޭނުންކުރައްވަނީ ނުސީދާ ގޮތަކަށް ކަމަށެވެ.

"މިސާލަކަށް، ދައުލަތުން ނުވަތަ ސަރުކާރުން ބާއްވަން ޖެހޭ ކޮންމެވެސް ޖަލްސާއެއް ބޭއްވެވުމަށްޓަކާ ދައުލަތުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން އެތަނަށް ދަތުރުކުރެއްވުމަށްފަހުގައި އެޖަލްސާ ނިންމަވާފައި ދެން މިސާލަކަށް އެތަނުގައި ހިންގަވަފާނެ ކޮންމެވެސް ކަހަލަ ހަރަކާތެއް،" އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ އެފަދަ ކަންކަން ބަލާނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަމަށާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ އެފަދަ ކަންކަން އޭސީސީއަށް ހިއްސާކުރައްވާ ކަމަށެވެ.

އިލްކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބު ވިދާޅުވީ އިންތިހާބެއް އަންނައިރު އަބަދުވެސް ވޯޓުލާ މީހާއަށް ތަފާތު ނުފޫޒު ފޯރުވާކަން ފާހަގަކުރެވޭ ކަމަށާއި ތަފާތު ނުފޫޒު އަންނަކަން އެނގޭ ކަމަށެވެ. އެކަން ކަމަކީ ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.

ހަބީބް ވިދާޅުވި ގޮތުގައި ނުފޫޒު ފޯރުވަނީ ހަމައެކަނި ސަރުކާރުން ނޫނެވެ. ވޯޓަށް ހުރިހާ ފެންވަރެއްގައިވެސް ނުފޫރު ފޯރުވާ ކަމަށާއި އެގޮތުން އާއިލާ ތެރެއިންނާއި ވަޒީފާ ދޭ ފަރާތްތަކުންވެސް ވޯޓަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަހަރުގެ ރިޔާސީ އިންތިހާބަށް ކަނޑައެޅި ޝިއާރަކީ "މަގޭ ވިސްނުން - މަގޭ ވޯޓު" އެވެ