އިންޑިޔާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓު ކޯލީ އާއި ފިލްމީ ބަތަލާ އަނުޝްކާ ޝަރުމާ ޗުއްޓީ ހޭދަކުރުމަށް އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ.

މީގެ ކުރިންވެސް ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައިވާ ވިރާޓު އާއި އަނުޝްކާ ރާއްޖެ ރާއްޖެ އައީ އެ ދެމަފިރިންގެ ދެ އަހަރުވީ އަންހެން ދަރިފުޅު ވަމިކާ ވެސް ގޮވައިގެނެވެ.

އެމީހުން މިފަހަރު ޗުއްޓީ ހޭދަކުރަމުންދަނީ ކޮން ރިސޯޓެއްކަން ހާމަކޮށްފައިނުވާއިރު ވިރާޓު ވަނީ ދެ މީހުން އެކުގައި ރާއްޖޭގެ ރިސޯޓެއްގެ ބީޗުގައި ކާން ތިއްބައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމުގައި އާންމުކޮށްފަ އެވެ. ފޮޓޯއާއެކު ކެޕްޝަނުގައި ހަމައެކަނި ހިތެއް ޖެހުން ފިޔަވައި އެއްވެސް އެއްޗެއް ހާމަކޮށްފައިނުވެ އެވެ. އަދި އަނުޝްކާ އިންސްޓަގްރާމްގައި ދަތުރާ ގުޅޭ އެއްވެސް ފޮޓޯއެއް ނެތެވެ.

ވަމީކާގެ ދެވަނަ އުފަންދުވަސް މި މަހު 2 ގައި ވަނީ ފާހަގަކޮށްފަ އެވެ. އޭނާގެ މޫނު ފެންނަ ފޮޓޯއެއް މިހާތަނަށް އަނުޝްކާ އަދި ވިރާޓު އާންމެއް ނުކުރެ އެވެ.

އެ ދެމަފިރިން މިދިޔަ އަހަރުގެ ޖޫން މަހު ވެސް ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަ އެވެ.

އަނުޝްކާ މި ފަހަރު ރާއްޖެ މިއައީ 2021 ގައި ދަރިއަކު ލިބުނު ފަހުން ކުޅުނު ފުރަތަމަ ފިލްމު "ޗަކްދާ އެކްސްޕްރެސް" ގެ ޝޫޓިން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ނިންމާލާފައި ވަނިކޮށެވެ. އެ ފިލްމުގައި އޭނަ ފެންނާނީ އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ޖޫލާން ގޮސްވާމީގެ ރޯލުންނެވެ.

މި ދެ މީހުން ކައިވެނި ކުރީ 2017 ވަނަ އަހަރު އިޓަލީގަ އެވެ.