ކުރީގެ ލޯބިވެރިޔާ ސްޕެއިނުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭއާ އަށް މަލާމާތްކުރުމުގެ ގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ ނެރުނު ލަވަ ޔޫޓިއުބުން އެންމެ ގިނަ މީހުން ބެލި ލަވަޔަށް ވެއްޖެ އެވެ.
"އައުޓް އޮފް ޔުއާ ލީގު" ނަން ދީފައިވާ އެ ލަވަޔަށް 24 ގަޑިއިރު ތެރޭ 63 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.
މިލަވާގައި ޝަކީރާ ބުނަނީ 22 އަހަރުގެ އަންހެން ކުއްޖަކަށް ވުރެ މާ ބޮޑަށް އޭނާގެ އަގު ހުންނާނެ ކަމަށެވެ. ޕީކޭ އަގުބޮޑު އެއްޗެއް ދޫކޮށްލާފައި ދިޔައީ އަގެއް ނެތް އެއްޗެއް ފަހަތުންނޭ ބުނާކަން ދޭހަވެ އެވެ.
ޕީކޭ އެނބުރި އަޔަސް ފުރުސަތެއް ނެތް ކަމަށާއި އޭނާ އަށް އެންމެ ބޭނުން ޖެހުނު ވަގުތު ދޫކޮށް ދިޔައީ ކަމަށް ވެސް އެ ލަވައިގައި ބުނެ އެވެ.
ފެރާރީ ކާރެއް ތިޔަ ބަދަލު ކޮށްލީ ޓުވިންގޯއަކަށް. ރޮލެކްސް ގަޑިއެއް ތިޔަ ބަދަލު ކޮށްލީ ކެސިއޯއަކަށް،” ޕީކޭއާއި ޕީކޭގެ ލޯބިވެރިޔާއަށް ފާޑު ކިޔަމުން ޝަކީރާގެ ލަވައިގައި ބުނެފައިވެއެވެ.
ރޮލެކްސަށްވުރެން ކެސިއޯ ދަށްކޮށްލުމުގެ ގޮތުން ޝަކީރާ ލަވައިގައި ބުނެފައިވާ ބަސްތަކަށް ކެސިއޯއިން ވަނީ ފާޑުކިޔައިފައެވެ. ކެސިއޯއިން ބުނެފައިވަނީ ޕީކޭއާއި ޝަކީރާގެ ގުޅުމަށްވުރެން އެ ގަޑީގެ ބެޓެރިވެސް ދިގުކަމަށެވެ
ޓެކުހަށް މަކަރު ހެދި ކަމަށް ބުނެ ސްޕެއިންގެ ކަމާބެހޭ ފަރާތްތަކުން ޝަކީރާ އަށް ކުރި ތުހުމަތުތަކާ ގުޅޭގޮތުން ވެސް އެ ލަވައިގައި އޭނާގެ އިހުސާސްތައް ބޭރުކޮށްފައިވެ އެވެ.
ހަތަރު މިނެޓުގެ މި ޕޮޕް ލަވައަކީ ޝަކީރާ އާއި އާޖެންޓީނާގެ ޕްރޮޑިއުސަރު އަދި ޑީޖޭ ބިޒާރަޕް އެކުގައި މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ. އަދި މިލަވައަށް މިހާތަނަށް އައިރު 100 މިލިއަނާ ގާތްކުރާ އަދަދަކަށް މީހުން ބަލާފައިވެ އެވެ.
ދެ މީހުންގެ ވަކިވުމާ ގުޅިގެން ޝަކީރާ ހެދި މިއީ ދެވަނަ ލަވަ އެވެ. މީގެ ތިން މަސްކުރިން "މޮންޓޯނިއާ" ކިޔާ ހިތާމަވެރި ލަވަޔެއް ވެސް އޭނާ ވަނީ ނެރެފަ އެވެ.
އުމުރުން 45 އަހަރުގެ ޝަކީރާ އަދި 35 އަހަރުގެ ޕީކޭ ލޯބީގެ ގޮތުން ގުޅިގެން 10 އަހަރު އުޅުމަށް ފަހު، ވަކިވީ މިދިޔަ އަހަރު އެވެ. އެ ދެމީހުންގެ، ދެ ދަރިން ވެސް ތިބެ އެވެ.
އެ ލޯބި ނިމުމަކަށް އައީ ޕީކޭ އޭނާއަށް ބޭވަފާތެރިވުމުން ކަމަށް ޝަކީރާ ބުނެފައިވާ އިރު، ޕީކޭ ވެސް އެކަން ދޮގުކޮށްފައެއް ނުވެ އެވެ. އެފަހުން ޕީކޭ ވެސް އަދި ޝަކީރާ ވެސް އިތުރު ލޯބިވެރިން ގެންގުޅެފައިވެ އެވެ.
އެންމެ ފަހުން ޝަކީރާ ނެރުނު ލަވަޔާ ބެހޭ ގޮތުން ޕީކޭ މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.