ބޮލީވުޑްގެ "ޑްރާމާ ކުއީން" ގެ ގޮތުގައި މަޝްހޫރުވެފައިވާ އަދި ނެށުންތެރިޔާ ރާކީ ސާވަންތުގެ ޒަވާޖީ ހަޔާތް އާރާސްތުކޮށްދިނީ މަޝްހޫރު ތަރި ސަލްމާން ޚާން ކަމަށް އޭނާ ބުނެފި އެވެ.

ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ރާކީ ސާވަންތާއި ލޯބިވެރިޔާ އާދިލް ޚާން ކައިވެނިކޮށްފައިވާ ކަމަށް ސޯޝަލްމީޑިއާގައި ވަނީ ހަބަރު ފެތުރިފައިވީ ނަމަވެސް، މިކައިވެންޏާ ބެހޭ ގޮތުން ރާކީގެ ފިރިމީހާ އާދިލް ވަނީ އިންކާރުކޮށްފަ އެވެ.

އެހެން ނަމަވެސް ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ރާކީ ވަނީ އޭނާގެ ކައިވެނީގެ ހުރިހާ މައުލޫމާތެއް އާންމުންނާ ހިއްސާކޮށްފަ އެވެ. އަދި ރާކީގެ ވަކީލު ފާލްގުނީ ބްރަންމަބަޓް ވެސް އެ ދެމީހުން ކައިވެނި ކުރިކަން އާންމުންނަށް ކަށަވަރުކޮށްދީފައިވާއިރު، މި ކައިވެނި ސިއްރުކުރާ ސަބަބެއް ނޭނގޭ ކަމަށް އޭނާ ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ދާދި ފަހުން ވާހަކަ ދައްކަމުން ރާކީ ބުނީ އެ ދެމީހުންގެ ކައިވެނީގެ އުފަލުގައި މަރުހަބާ ކިޔުމަށް ސަލްމާން ގުޅި ކަމަށެވެ. އަދި ކައިވެނި ނުވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް އިންކާރު ނުކުރުމަށާއި، ރާކީ އަކީ އަނބިމީހާކަން އާންމުންނަށް އެންގުމަށް އޭނާ ނަސޭހަތްތެރިވި ކަމަށް ރާކީ ބުނެފައިވެ އެވެ.

ރާކީ އިތުރަށް ބުނީ އޭނާގެ ފިރިމީހާ އާދިލް ވަނީ ސަލްމާނުގެ ނަސޭހަތް ގަބޫލުކޮށްފައި ކަމަށެވެ. އަދި އެވަގުތު ރާކީއަކީ އާދިލްގެ އަނބިމީހާކަން ނޫސްވެރިންގެ ކުރިމަތީގައި އޭނާ އެއްބަސްވެފައިވެ އެވެ.

ރާކީގެ އައު ލޯބިވެރިޔާ އަކީ މައިސޫރުގެ ވިޔަފާރިވެރިއެކެވެ. އަދި އެ ދެމީހުން ދިމާވީ ރާކީގެ ރަހުމަތްތެރިން މެދުވެރިކޮށް ކަމަށް ރާކީ ބުނެފައިވެ އެވެ. އެ ދެމީހުންގެ އުމުރުގައި ތަފާތުމިން ބޮޑުވި ނަމަވެސް އެއީ ދެމީހުންގެ މެދުގައިވާ ލޯތްބަށް އެއްވެސް ގޮތަކަށް އަސަރުކުރާ ކަމެއް ނޫން ކަމަށް ރާކީ ބުނެ އެވެ.