ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަޢުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަލްވަދާޢު ވިދާޅުވީ، ފޮރިން މިނިސްޓަރު ޝާހިދު އެވެ.

މިދަތުރުފުޅުގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވީ އާދީއްތަ ދުވަހު އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުޙަބާދެންނެވުން އޮތީ ހޯމަދުވަހު ހެނދުނު ޖުމްހޫރީ މައިދާނުގަ އެވެ. ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންއަށް މާލޭ އިއްޒުއްދީން ފާލަމުން މަރުޙަބާ ވިދާޅުވީ ރައީސް ސޯލިހު އެވެ.

ރަސްމީ މަރުޙަބާއަށް ފަހުގައި، ރައީސާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވާފަ އެވެ.

ދެބޭފުޅުންގެ ރަސްމީ މިބައްދަލުކުރެއްވުމުގައި، ކެމްބޯޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ. މީގެ އިތުރުން އެކިދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ދިވެހިރާއްޖެ އާއި ކެމްބޯޑިއާ އާއި ދެމެދު ބަދަލުކުރެވުނު 6 އެެއްބަސްވުން ބަދަލު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު، ރައީސް ސޯލިހާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ، ގުޅިފައިވާ ބަޔާނެއް ދެއްވާފަ އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންގެ ޝަރަފުގައި ރައީސް ސޯލިހު ދެއްވި، މެންދުރުގެ ރަސްމީ ފަރިއްކޮޅު އޮތީ ހޯމަ ދުވަހު މެންދުރު އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށީގަ އެވެ. މިފަރިއްކޮޅުގައި ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ނައިބް ރައީސް ފައިސަލް ނަސީމް ވަނީ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ. ހޯމަ ދުވަހު މެންދުރުފަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ނައިބް ރައީސް ވަނީ، ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ މުހިއްމު ދަތުރުފުޅެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.