ބަރުލަމާނީ ނިޒާމެއްގައި، ރާއްޖޭގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ކުރިމަތިލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވެއްޖެ

"ސޯސަލް" އިން ގެނެސްދިން އިންޓަވިޔުއެއްގައި އޭނާއާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އީވާ މިފަދައިން ވިދާޅުވެފައިވާއިރު، އެ އިންޓަވިއުގައި، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލައްވާނެތޯ އީވާއާ ސުވާލުކޮށްފައިވެ އެވެ.

މި ސުވާލަށް ދެއްވި ރައްދުގައި އީވާ ވިދާޅުވީ، ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރު ކަމަށް އޭނާ ކުރިމަތި ލައްވާނެ ކަމަށެވެ. އަދި ރިޔާސީ ނިޒާމަކީ އޭނާ ގަބޫލުކުރައްވާ ނިޒާމެއް ނޫންކަމުގައި އީވާ ވިދާޅުވި އެވެ.

"ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރު ކަމަށް އަޅުގަނޑު ކުރިމަތިލާނަން. ރިޔާސީ ނިޒާމަކީ އަޅުގަނޑު ގަބޫލުކުރާ އެއްޗެއް ނޫން،" އިވާ ވިދާޅުވި އެވެ.

އީވާ އިތުރަށް ވިދާޅުވިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވަނީ އެމަނިކުފާނަކީ ވިޝަނަރީ ބޭފުޅަކަށް ވުމުން ކަމުގައި ވިދާޅުވެފަ އެވެ. އަދި ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ކުރައްވާފައިވަނީ ޚިޔާލަށްވެސް ނުގެނެވޭ ވަރުގެ ބޮޑެތި ކަަންކަން ކަމުގައި އޭނާ ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރުގެ މަގާމަށް ކުރިމަތިލައްވާނެކަމަށް ވިދާޅުވެފައިވާއިރު، އީވާ ތާއީދުކުރައްވާ ސީޔާސީ ލީޑަރު، ރައީސް ނަޝީދުވެސް ދަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނެސް، ބޮޑު ވަޒީރު ކަމުގެ މަގާމަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރައްވަމުންނެވެ.