މާލޭގެ ގެއެއްގެ ތެރޭގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު ހަ ވަނަ ދުވަހުގެ ރޭ ޏ. ފުވައްމުލައް، ކުރި، ޝިއާއު މުޙައްމަދު ސަޢީދު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
އެނގިފައިވާ ގޮތުގައި، މި ޝަރީޢަތުގެ އަޑުއެހުން ބާއްވަން ހަމަޖެހިފައި ވަނީ ސިއްރުކޮށްގެންނެވެ. އަދި ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދަން ނިންމީ ދައުލަތުން އެކަމަށް އެދުމުންނެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނިގޮތުގައި ޝާހިލްއަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް ސިއްރުކުރަން އެދިފައިވަނީ ޝިއާއުގެ އާއިލާގެ މަސްލަހަތަށްޓަކައި ކަމަށެވެ.
އޭނާގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އިތުރު ހަތަރު ދައުވާއެކެވެ.
ހ. ޝީރީންވިލާ ގޭގައި ޝިއާއު މަރާލައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި އޮއްވައި ފެނުނު މައްސަލައިގައި ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިންނެވެ.
އެ މައްސަލަައިގެ ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފަ އެވެ. ފުލުހުން ބުނީ ޝާހިލްގެ ފޯނު ހުޅުވިފައިވާ ކަމަށާއި އޭގެން ލިބޭ ހެކިތަކުގެ އަލީގައި ޝިއާއު މަރާލި ސަބަބު ދެނެގަނެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ، އެ އަނިޔާތަކުގެ ސަބަބުންކަން ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.