ލޮނު ޒިޔާރަތްކޮޅާއި ޖިންނިއެއްގެ ވާހަކަ ބައެއް ދިވެހިން ވާނީ ހިޔާލީ ވާހަކައެއްގެ ސިފާގައި ކިޔައިފަ އެވެ. ނުވަތަ އަޑު އަހާފަ އެވެ. އެ ވާހަކަ ލިޔުއްވީ އެޑިޔުކޭޝަންގެ ދާއިރާގައި ގިން ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި އެޑިޔުކޭޝަން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. މުސްތަފާ ލުތުފީ އެވެ.

ޑރ. މުސްތަފާގެ އެ ވާހަކާގައި ޖިންނި ފެންނަނީ ލޮނުޒިޔާރަތްކޮޅުގައި ތިބި އަންހެން ކުދިންގެތަކެއްގެ ތެރެއިން ކުއްޖަކަށެވެ. އެކުއްޖާއަށް އެ ޖިންނި ފެނުނީ އުދުހިފައި ދިޔަ ތަރިއެއްގެ ސިފައިގަ އެވެ. އެތަރިއަށް އިޝާރަތްކޮށް އެކުގައި ތިބި އެހެން ކުދިންނަށް އެކުއްޖާ އެތަރި ދެއްކި ކަމަށް ވެސް ވެ އެވެ. އެ ކުއްޖާއަށް އެރޭ ފެނުނު ތަރި ވީ ޖިންނިއަކަށެވެ. އެ ޖިންނިއާ އެ އަންހެންކުއްޖާ އާ ކައިވެނީގެ ގުޅުމުން ގުޅި ކުދިން ވެސް ލިބުނެވެ. މުސްތަފާ ލުތުފީގެ އެވާހަކައަކީ ޚިޔާލީ ވާހަކައެކެވެ.

ޑރ. މުސްތަފާގެ އެވާހަކަ ޚިޔާލީ ވާހަކައަކަށް ވިޔަސް އެފަދަ ހަގީގީ ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. އޭގެ ތެރެއިން ކަނޑި މުހަންމަދު މަނިކަށް ލޮނު ޒިޔާރަތްކޮޅުން ފެނުނު ޖިންނި އަންހެން ކުއްޖާގެ ވާހަކައަކީ ވަރަށް މުހިންމު ވާހަކައެކެވެ. މި ވާހަކަ ލިޔެފައި އޮތީ މ. ވާރޭވިލާ މަރުހޫމު އަލީ ހުސެއިން ލިޔުއްވި "ދުށްތަނާ އިވުނު އަޑުގެ ހަނދާން ހުރިބައި"ގެ ފުރަތަމަ އަދަދުގަ އެވެ.

އަލީ ހުސޭންގެ ފޮތަށް ބޭނުންފުޅުވި އިންޓަވިއުއެއްގެ ރިކޯޑިން ނިމުމާއެކު އޭނާ ކަނޑި މުހައްމަދު މަނިކާ ކުރިމަތިކުރެއްވީ ވަރަށް އާދައިގެ ސުވާލެކެވެ. އިންސާނުންނާ ޖިންނީންނާ ދެމެދު ހިނގާ ކަމަށް ވާހަކަ ދެކެވޭ ފަދަ ޖިންނީންގެ އެއްވެސް ކަމަކާ ކުރިމަތިވި ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު މުހައްމަދު މަނިކު ދެއްވީ އެހާދިސާ ހިނގި ގޮތުގެ ތަފުސީލު އަކުރުން އަކުރަށް ކިޔާ ދެއްވަމުންނެވެ.

އެއީ މީގެ ފަންސާހަކަށް އަހަރު ކުރި އެވެ. ލޮނު ޒިޔާރަތްކޮޅަކީ ބޯ ޖަންގައްޔެއް ފަދަ ވާ ގިނަ ހިސާބެކެވެ.

އަޑުގެ އެންޓަނާތައް ޖަހާފައި ހުންނަ ބިން އޭރު ވެސް އޮވެ އެވެ. އެތާނގައި ތަނބު ބުރިތަކެއް ޖަހައިފައި ހުރެ އެވެ. ދުވަސްވަރަކީ ބައިސްކަލުގެ ރަންޒަމާނެވެ. ރޭގަނޑެއްގެ ވަގުތެވެ.

މުހައްމަދު މަނިކު އޭނާގެ ބައިސްކަލުގައި ގޮސް އަޑުގެ އެންޓަނާ ޖަހާފައި އޮންނަ އަޑި ބިން ވަކި ކުރުމަށް ޖަހާފައި ހުންނަ މުޑި ބުރިތަކުގެ ތެރެއިން މުޑި ބުރިއެއްގައި އިށީނދެގެން އިރުކޮޅަކު އިނުމަށް ފަހު ދިޔައީ ރައްޓެއްސެއްގެ ގެއަށެވެ. އެގޭގައި ވަގުތު ތަކެއް ހޭދަ ކޮށްފައި އޭނާގެ އަމިއްލަ ގެ ކަމުގައިވާ ހ. ފްލޯރާއަށް ދާން ނައްޓާލިއިރު ގަޑިން ގާތްގަނޑަކަށް ބާރަގަޑި ބައި ވެދާނެ އެވެ.

ބައިސްކަލުގައި ދިވެހި ރާއްޖޭގެ އަޑާ ދިމާޔަށް ދިޔައިރު ފެނުނީ އަޑުގެ ކުރިމަތީގައި އޮންނަ ހުސް ބިން ވަކިކުރަން ޖަހާފައި ހުންނަ މުޑި ބުރިތަކުގެ ތެރެއިން މުޑިބުރިއެއްގައި އިށީނދެގެން އިން އަންހެން ކުއްޖެކެވެ. އެތަނަކީ އޭރުވެސް އެހާ އަނދިރި ތަނަކަށް ވެސް ނުވުމާއެކު މުހައްމަދު މަނިކު ގަސްދުކުރީ ގެއަށް ދިއުމުގެ ކުރިން އެއީ ކޮން ކުއްޖެއްތޯ ބަލައިލާށެވެ. އެ މަގުސަދުގައި އެކުއްޖާއާ ދިމާއަށް ގޮސް މަޑު ކޮށްފައި ކޮން ކުއްޖެއްތޯ އެހިއެވެ. އެކުއްޖާ އަނަގަޔަކުން ނުބުންޏެވެ.

"އަޅުގަނޑު ހެދިގޮތަކީ ދުރަށް ޖެހި ބައިސްކަލު ބަހައްޓަފައި އޭނާގެ ކައިރިއަށް އައިސް ޖެހިގެން ހުރި އަނެއް މުޑި ބުރީގައި އިށީނީ،" މުހައްމަދުމަނިކު އަލީ ހުސޭން ގެ ރިކޯޑު ކުރެއްވުމަށް ކިޔާދެއްވި އެވެ.

ކަނޑި މުހައްމަދު މަނިކު

މުޑި ބުރި މަތީގައި އިން އަންހެން ކުއްޖާގެ ސިފަ މުހައްމަދު މަނިކު ކިޔައިދީފައި ވަނީ ވަރަށް ތަފުސީލުކޮށެވެ. އެކުއްޖާ ލައިގެން ހުރީ އޭރުގެ ދިވެހި ޒުވާން އަންހެން ކުރިން އާންމު ކޮށް ލާފަދަ ހެދުމެކެވެ. ހެދުމުގެ ކުލަޔަކީ ރަތް ކުލަ އެވެ. ހުދުކުލައިގެ މާތަކެއް ޖަހާފައި ހުއްޓެވެ. ކުއްޖާގެ ގައިގެ ކުލަ ވަރަށް އަލިވެފައި ދޮނެވެ. އަރައިގެން އިނީ އެދުވަސްވަރުގެ އެންމެ މަޝްހޫރު ޖަރީ ފައިވާނެކެވެ.

ބޮލުގައި ޖަހާފައި ހުރި މާވެސް އެހާ ރީއްޗެވެ. ގައިން ދުވަނީ ކަށިމަލުގެ މަޑުވަހާ އެފަދަ އެތައް މީރު ވަހެއް އެކުވުމުން ދުވާނޭ ލުއިލުއި މީރު ވަހެކެވެ. މުހައްމަދު މަނިކު ބުނެފައި ވާގޮތުގައި އެއީ ރީތިކަމުގެ ލާމަސީލު ކުއްޖެކެވެ.

އަންހެންކުއްޖާގެ ކުރިމަތީގައި އިށީނދެފައި މުހައްމަދުމަނިކު އެކުއްޖާ ކުރެން ކޮން ކުއްޖެއްތޯ އެހީ އެވެ. އެހެނަސް ކުއްޖާ އަނަގަޔަކުން ނުބުނެ ބޯހޫރާ ލަނީ އެވެ.

މުހައްމަދު މަނިކު ދިޔައީ މަޑުމަޑުން އެކުއްޖާއާ ކައިރިވަމުން ކޮންކުއްޖެއްތޯ އަހަމުންނެވެ. ކޮންމެ ފަހަރަކު ވެސް އެ ކުއްޖާ ބޯ ހޫރާލަ އެވެ. އެހެންކަމުން މުހައްމަދު މަނިކު އެކުއްޖާގެ ގައިގާ ކިރިޔާ ނުޖެހޭ ހިސާބަށް ކައިރިވެފައި މޫނަށް ބަލާލި އެވެ. ގައިގައި އަތް ލާންކަމަށް ހީ ކޮށްފައި ވެސް އެކަން ނުކުރީ ކާކުކަން ނޭގޭތީ އާއި އަތް ލައިފިނަމަ ހަދާނޭ ގޮތެއް ނޭނގޭތީ އެވެ.

އެގޮތަށް ކައިރިވެ އެ ކުއްޖާގެ މޫނަށް ފުންކޮށް ބަލައިލުމުން މުހައްމަދު މަނިކަށް ސިފަވީ އެކުއްޖާގެ ލޯ ހުރީ ތަފާތު ގޮތަކަށްކަމެވެ. ލޮލުގެ ކަޅި ހުރީ މާބޮޑަށް އުސްކޮށް އުފުލިފަ އެވެ. ހުދުކުލައެއް ވެސް ނެތެވެ. އެ ހިސާބުން ހިތަށް ނުތަނަވަސް ކަމެއް ވަދެގެން މުހައްމަދު މަނިކު "ނުބުންޏަސް އެންމެ ރަނގަޅޭ، ތީ ކާކުކަން އެނގިއްޖެއޭ، މަށެއް ނޫޅެމޭ" ކިޔާފައި ބައިސްކަލާ ދިމާލަށް ހިނގައިއިގަތްތަނާ "ޕަސްކިޔާފައި" އަޑެއް އިވިގެން ބަލައިލިއިރު އެ އަންހެންކުއްޖާ އަލިފާން ގުޅައަކަށް ބަދަލުވެގެން ވޫސްލާފައި ހުޅަނގު ފަރާތުން އުދަރެހާ ދިމާޔަށް އަރައިގެން ދަނީ އެވެ. އެދިޔަ ގޮތަށް ގޮސް ބަލަބަލައި ހުއްޓާ ލޮލުކޮޅަށް ގެއްލުނީ އެވެ.

އެ ހިސާބުން މުހައްމަދު މަނިކު ދިޔައީ ގެއަށެވެ. ދިމާވި ކަންތަކާ މާބޮޑު ފިކުރެއް ބިރެއް ވެސް އޭރަކު ނެތެވެ. ގެއަށް ގޮސް ނިދާފައި އޮއްވާ ހޭލެވުނީ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާފައި މޮހޮދޭ، މޮހޮދޭ، އޭ ކިޔަފައި އަންހެން ކުއްޖަކު ގޮވާ އަޑަށެވެ. އެ ކުއްޖަކީ މޮހޮދޭގެ ރައްޓެހި ބޮއި ސައީދު މެންގޭގައި އުޅޭ ޝަރީފާކަމާ މެދު އޭރަކު އެއްވެސް ޝައްކެއް މުހައްމަދު މަނިކަކަށް ނެވެ. އެހެނަސް ދޮރެއް ނުހުޅުވަ އެވެ. އޭގެ އިރުގަނޑެއް ފަހުން ވެސް ހަމަ އެގޮތަށް އައިސް ޓަކިޖަހާފައި ގޮވި އެވެ. އޭރު ގަޑިން ތިންގަޑި ބައި ވަނީ އެވެ. މުހައްމަދު މަނިކު ދޮރެއް ނުހުޅުވަ އެވެ. މުހައްދު މަނިކު ދޮރު ނުހުޅުވި ކަމުގައި ވިޔަސް އެއަޑަށް ހޭލެވިގެން ޖެހިގެން ހުރި ކޮޓަރީގައި އޮތް އޭނާގެ ޅިޔަނު ދޮރު ހުޅުވި އެވެ. ދޮރުމަތީގައި ޝަރީފާ ހުއްޓާ ވެސް ފެނުނެވެ. ޅިޔަނު އެކަމާ އަޅާ ނުލާ އަނބުރާ ކޮޓަރިއަށް ވަނީ އެވެ.

ފަހު ދުވަހު ނާސްތާގެ ވަގުތު އެވާހަކަ ދެއްކީ މުހައްމަދު މަނިކުގެ ދައްތަ އެވެ. ޝަރީފާ އައިސް ކޮޓަރީގެ ދޮރުގައި ދަންވަރު ޓަކި ޖެހީ، އަނެއްކާ އެގޭ މީހަކަށް ކަމެއް ވެގެންތޯ ބަލާލަން ގޮސްބަލާށޭ ބުނުމުން އެގެއަށް ގޮސް ސުވާލުކުރުމުން އެފަދަ އެއްވެސް ކަމެއް ވީކަމަކަށް ނުވި އެވެ. އަދި އަމުދުން އެ ގަޑީގައި ޝަރީފާ ގެއިން ނުވެސް ނިކުންނާނޭ ކަމުގައި ބުނުމުން މުހައްމަދު މަނިކު ދިޔައީ އޮފީހަށެވެ. އޮފީހަށް ގޮސް އޮފީހުގައި އުޅޭ ފަންޑިތަ ހަދާ އުޅޭ މީހެއްގެ ކައިރީ އެވާހަކަ ކިޔާ ދިނުމުން އޭނާ ލިޔެދިން ކަރުދާސް ކޮޅެއް ސޯރު ފޮތިކޮޅަށް ލައި ރައްކާ ކުރި އެވެ.

ލޮނު ޒިޔާރަތް ކޮޅުން ދިމާވި އަންހެން ޖިންނި ކަނޑި މުހައްމަދު މަނިކުގެ ފަހަތުން އަޅައިގަތީ ކޮން ބޭނުމަކު ކަން ނޭނގެ އެވެ. ފަންޑިތަ ވެރިޔާ ލިޔެ ދިން ތަވީދުގެ ސަބަބުން އެ ޖިންނިއަށް މުހައްމަދު މަނިކާ ގާތް ނުވެވުނު ކަމުގައި ވިޔަސް އޭނާއަށް ދޭތެރެ ދޭތެރެއިން އޭގެ އަސަރު ހުވަފެނުގައި ކުރެ އެވެ. ފެންނަނީ އަންހެނަކު އައިސް ފަހައިގަންނަ ތަނެވެ. ދެން އެ އަންހެން މީހާ ގެރިއަކަށް ބަދަލުވެގެން ދުވާތަނެވެ. އެހެނަސް އެއީ ހުވަފެނެވެ. ހަގީގީ ޖިންނި ހަމަ ލޮލުން ފެނުނީ އެންމެ ފަހަރަކު އެވެ.