ރާއްޖޭގައި މިހާރު ފުޅާ ދާއިރާއެއްގައި ހިންގާ ލޯކަލް ޓޫރިޒަމްގެ ފެށުން އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ނޫން ކަމަށާއި އެއީ އޭގެ ކުރިން މަޖިލީހުގެ ގަރާރަކުން ފެށުނު ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ސޯލިހު މިއަދު ކ. ގުރައިދުއަށް ވަޑައިގެން، ޕާޓީގެ އާންމު މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފެށިގެން އައި ގޮތުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.
ރާއްޖޭގައި ފުރަތަމަ ރަޖިސްޓްރީކޮށްގެން ގެސްޓްހައުސް ހިންގަން ފެށީ، މި ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވާ ނަޝީދުގެ ވެރިކަމުގައި، މީގެ 13 އަހަރު ކުރިން 2010ގަ އެވެ. ނަމަވެސް، ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، ލޯކަލް ޓޫރިޒަމްގައި ރާއްޖެ މިއަދު މި ދެކޭ ބޮޑު ބަދަލު އައީ ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގަ އެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކޮންމެވެސް މަސައްކަތްތަކެއް ކޮށްފައި ހުރި ނަމަވެސް، ރަށްރަށުގައި ގެސްޓްހައުސް ހެދޭ ގޮތަށް ބަދަލު ގެނައީ ސީދާ ކޮން އިރަކުންކަން އެނގުމަކީ، ރައީސް ވިދާޅުވި ގޮތުގައި، މުހިންމު ކަމެކެވެ. އެންމެ ކުރިން ކަން އޮތް ގޮތަކީ، ރައީސް ވިދާޅުވި ގޮތުގައި، މާލެ ނޫން އެހެން ތަނެއްގައި ގެސްޓްހައުސް ނުހިންގެ އެވެ.
"ނަމަވެސް، ކުރިން ސަރުކާރުން [ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން] އެ ނިންމާފައި އޮތް ނިންމުން ބަދަލުކުރީ، އެމްޑީޕީގެ ފުރަތަމަ ވެރިކަން އައުމުގެ ކުރިން، މަޖިލީހުގެ ތެރެއިން،" ގިނަ އަދަދެއްގެ ގެސްޓްހައުސް ހިންގާ ރަށުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.
"ސަރުކާރަށް ލާޒިމުކުރާ ގަރާރު މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު. އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން މި ތިއްބެވީ، މޫސާ މަނިކު، އަބްދުﷲ ޝާހިދު، މާރިޔާ ދީދީ، އަޅުގަނޑު ހިތުން މަހުލޫފު ވެސް އެތާ އިންނަވާނެ އަދި އަޅުގަނޑު ވެސް އެތާ ހުރިން އެ ދުވަސްކޮޅުގައި."
ރައީސް ވިދާޅުވީ އެ ގަރާރު އޭރު ފާސްވީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު މަޖިލީހަށް ހުށަހަޅައިގެން ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންގެ ކުރީ ސަރުކާރުގައި މަސައްކަތްތަކެއް ޕްރޮމޯޓުކުރަން ނުކުރާ ވާހަކައެއް ނޫން. އެހެން ނަމަވެސް، މި ފުރުސަތު ރަށްރަށަށް ލިބިގެން ދިޔައީ 2008 ވަނަ އަހަރުގެ ކުރީކޮޅު މަޖިލީހުން ފާސްކުރި ގަރާރަކުން،" އެ ވާހަކަ ތަކުރާރުކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ލޯކަލް ޓޫރިޒަމް މިހާރު އޮތް ހަރުފަތުން އެހެން ހަރުފަތަކަށް ގެންދަން ޖެހޭ ކަމަށާއި އެއީ މިކަމާ ގުޅުންހުރި ހިދުމަތްތަކާއި ކަންކަން ފަސޭހަކޮށްދީގެން ކަމަށް ވިދާޅުވި އެވެ. އަދި ރަށްރަށުގައި ގެސްޓްހައުސް ހެދުމުގެ ފުރުސަތު ފަހިކޮށްދިން ބޭފުޅުން ތިއްބެވީ އެ މަނިިކުފާނުގެ އަރިހުގައި ކަމަށާއި އެ ސިނާއަތް އިތުރަށް ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ދެއްވި އެވެ.
ރައީސް ސޯލިހު މިއަދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ޖަޒީރާ ރާއްޖެ ތަރައްގީކުރުން ކަމަށެވެ. މިއީ ވަކިވަކި ރަށްތަށް ތަރައްގީކޮށް ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީގެ މި ސިޔާސަތު ކަމުނުދާ ބައެއް މެމްބަރުން މިހާރު ޕާޓީ ތެރޭގައި އުޅުއްވާ ކަމަށާއި، އެ ބޭފުޅުންގެ ވިސްނުން ބަދަލުވެފައިވާކަން އެނގިވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"އެހެންނަމަވެސް ޕާޓީގެ މި މުހިއްމު ސިޔާސަތު ކަމުނުދާ ބައެއް ބޭފުޅުން ޕާޓީގެ ތެރޭގައި އެބަތިބި. ކުދި ރަށްރަށަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކީ ބޭކާރު ހަރަދެއް ކަމަށް ބައެއް ބޭފުޅުންވެސް އެބަ ގަބޫލުކުރެވޭ. އެ ވާހަކަތައް އެބަ ދައްކާ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހަގީގަތުގައި އެމްޑީޕީގެ ސިޔާސަތު ތަންފީޒު ކުރަނީ ކޮންބައެއްތޯ މިއަދު ވިސްނަން ޖެހިއްޖެ ކަމަށެވެ. އަދި އަބަދުވެސް އެމްޑީޕީ ވަކާލާތުކުރަމުން އައީ ޖަޒީރާ ރާއްޖެ ތަރައްގީކުރަން ކަމަށާއި މިކަމާ އިދިކޮޅަށް ވާހަކަދައްކާ ބޭފުޅުންނަކީ އެމްޑީޕީގެ ސިޔާސަތު ކުރިއެރުވުން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދު މުޅިން އެއާ އިދިކޮޅަށް ވާހަކަދައްކަވަމުން ގެންދާކަމީ ހަމަގައިމުވެސް އެމްޑީޕީގެ ސިޔާސަތު ކުރިއެރުވުމެއް ނޫން. ވަކި އެހެން މަގުސަދެއް އޮވެގެން ކުރާ ކަމަކަށް ވެދާނެ. ތިބޭފުޅުން އެޔާ ކައިރި ނުވައްޗޭ. އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެމްޑީޕީގެ ސިޔާސަތު ނޫން ކަމަށް ބުނެ ސަރުކާރުން ކުދި އާބާދީ އޮންނަ ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގެ ޖަލްސާތަކުގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ސަރުކާރަށާއި ރައީސް ސޯލިހަށް ތަކުރާރުކޮށް ފާޑު ވިދާޅުވަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ސޯލިހު ދެން ވަޑައިގަންނަވާނީ ކ. ކާށިދޫ އަށެވެ. ކެމްޕޭންގައި ރައީސް ސޯލިހް ވަނީ ހއ. އަތޮޅާއި، ހދ. އަތޮޅާއި ނ. އަތޮޅާއި، ރ. ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅަށް ޒިޔާރަތްކުރައްވާފަ އެވެ. މީގެއިތުރުން ލ. އަތޮޅާއި، ގއ. އަތޮޅާއި، ގދ. އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ވެސް ޒިޔާރަތްކުރައްވާފަ އެވެ.
އާސަންދަ ފެށީ ރައީސް މައުމޫން، މުސްކުޅިންގެ އެލަވަންސް ދޭން މަޖްލިސްއިން ފާސްކޮށް ބަޖެޓަށް ފައިސާ ޖަމާކޮށްދޭން ފެށީ ރައީސް މައުމޫން. މީ ރައީސް މައުމޫންގެ ވެރިކަމުގައި މައުމޫންގެ ކެބިނެޓް، މަޖްލީހުގެ ފުލް ތާއީދު މައުމޫނުގެ އަތުގައި އޮވެ ކޮށްފައިވާ ރަނގަޅުކަންކަން ، އެކަމަކު މިކަންކަން ސިޔާސީ ހަތިޔާރަކަށް ހަދާ އެމް.ޑީ.ޕީގެ ޕޯޑިއަމްތަކުގައަ އޮޅުވަލާފައި އޮތީ، ރަނގަޅަށް ބެލިއްޔާ ގެސްޓް ހައުސްގެ ވިޔަފާރިވެސް މައުމޫންގެ ވެރިކަމުގައި މަޖްލީހުން އެވާހަކަ ދެއްކުމުން އަނެއް ޕާޓީން އެވެސް ޖަހައިގަނެފަ.