"އެރޭ އިރު އޮއްސިއްޖެ އެވެ. އެއަހަރުގެ ހުޅަނގު މޫސުން ވެސް ނިމުނީ އެވެ. އިރު ދެން އެ އަރަނީ މުލަ ނަކަތުގެ އެއްވަނަ ދުވަހަށެވެ. އެރިއިރާއެކު ރަސްކަމާ އިދިކޮޅު ބޮޑުން ބަންޑާރައިންގެ މައްޗަށް ބާރުވެރިކަން ހޯއްދަވައިފި އެވެ. ހަނގު ބޭކަލުނަނާއި އަސްކަރީންގެ ބާރު އެޅުމާ ބިރު ދެއްކުމާއެކު "އެ މަނިއްޕުޅުގެ އަމިއްލަފުޅު އިޚުތިޔާރުގައި" ރަސްކަމުގެ ތަޚުތު ދޫކޮށްލިކަމުގެ ފަތްކޮޅެއްގައި ކުޑަބަންޑާރައިން ސޮއި އަޅުއްވައިފި އެވެ."
މަތީގައިވާ އިބާރާތް ކޮޅަކީ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިވެހި ރާއްޖެ ގެންދިއުމާ ދެކޮޅު ސިޔާސަތެއް ގެންގުޅުއްވި ކުޑަ ބަންޑާރައިންގެ ރަސްކަން ނިމިދިޔަ ގޮތް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކޮށްދެއްވާފައިވާ ގޮތެވެ. އެ ވާހަކަ އެމަނިކުފާނު ލިއުއްވާފައި އޮތީ ކުޑަބަންޑާރައިންގެ ވެރިކަން ނިމި ދިޔަ ގޮތާ ބެހޭ ގޮތުން ލިޔުއްވި ފޮތް "އެއްބަސް ވެވޭ އިންގިލާބު" ގަ އެވެ.
އެއްބަސްވެވޭ އިންގިލާބު މިނަމަކީ ކުޑަ ބަންޑާރައިންގެ ރަސްކަން ބަދަލުވުމުގައި ކަންތައް ހިނގައިދިޔަ ގޮތާމެދު ސްރީލަންކާގައި ހުންނެވި އިނގިރޭސި ސަފީރު އިނގިރޭސި ސަރުކާރަށް ދެއްވި މައުލޫމާތުގެ މައްޗަށް ބުރަވެވަޑައިގެން އެ ގައުމުގެ ކޮލޮނީތަކާ ބެހޭ އަންޑަސެކެރެޓަރީ ވިދާޅުވެފައިވާ ޚިޔާލެކެވެ.
އޭނާ ލިއުއްވާފައިވަނީ ރާއްޖޭގެ ރަސްކަން ބަދަލުވި ބަދަލުވުމަކީ "އެއްބަސްވެވޭ އިންގިލާބެއް" ކަމަށެވެ. މިތަނުގައި މި ބުނާ އެއްބަސްވުމަކީ ދިވެހި ރަސްކަން ބަދަލުކޮށްލި ބަދަލުކޮށްލުމަކީ އިނގިރޭސި ސަރުކާރު ބަލައިގަންނަ، އެ ސަރުކާރުން ބޭނުންވެފައިވާ، އެ ސަރުކާރަށް އެއްބަސްވެވޭ ކަމެއްކަމެވެ. އެ ގެނެވުނު ބަދަލާއެކު ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަށް ލޯބިކުރި ބަޔަކަށް ބާރު ލިބި، އެކަމަށް މަގުފަހިވެގެން ދިޔަ އެވެ.
ރައީސް ނަޝީދު ލިޔުއްވި އެއްބަސްވެވޭ އިންގިލާބުގައި ދިވެހި ރާއްޖޭގައި ރަސްކަން ބަދަލުކުރެވޭ ދެތިން ގޮތެއްގެ ވާހަކަ ލިއުއްވާފައިވެ އެވެ. އޭގެ ތެރެއިން އެންމެ އާންމު ގޮތަކީ ގަނޑުވަރުތެރޭގެ ބޮޑުންނާއި ހަވަރު، ރަސްކަމާ ދެކޮޅަށް ނުކުމެ އެ ރަސްކަލަކާ ދެކޮޅުވެރިވުމެވެ. މިގޮތަށް ނިކުމެ އެއްވާ އެއްވުން އާންމުގޮތެއްގައި އޮންނާނީ ގުޅަކުޅޭ ފަސްގަނޑުގަ އެވެ.
ކުޑަބަންޑާރައިންގެ ރަސްކަން ބަދަލުވުމަށް ވެސް އެމޭރުމުން ކަނތައް ހިނގި އެވެ. އެ ހިސާބުން ރަސްގެފާނު ލިޔުއްވި ސިޓީފުޅުގައި ވަނީ އެ މަނިކުފާނު "އަމިއްލަ އިޚުތިޔާރުގައި" ވެރިކަން ދޫކޮށްލެއްވި ކަމަށެވެ.
ކުޑަ ބަންޑާރައިންނަށް މަޖުބޫރުވެ ވަޑައިގެން "އަމިއްލަ އިޚުތިޔާރުގައި" ރަސްކަން ދޫކޮށްލެއްވިކަމުގެ ސިޓީފުޅެއްގައި ސޮއިކުރެއްވުމުގެ ގާތްގަނޑަކަށް 221 އަހަރު ފަހުން އެފަދަ ސިޓީފުޅެއް އަމިއްލަފުޅަށް ލިއުއްވައި އަމިއްލަ އިޚުތިޔާރުގައި ސޮއި ކުރެއްވީ "އެއްބަސް ވެވޭ އިންގިލާބު" ލިއުއްވި ލިއުންތެރިޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ކަންތައް ހިންގަމުން ދިޔަގޮތާމެދު ހިތްހަމަނުޖެހި 2012 ވަނަ އަހަރު ރައްޔިތުން ނިކުމެ ކުރަމުން ގެންދިޔަ އިހުތިޖާޖުތަކަށް ކެތްނުކުރެވުމުގެ ސަބަބުން މީޑިޔާގެ ކުރިމަތީގައި "އަމިއްލަ އިޚުތިޔާރުގައި" ސިޓީއެއް ލިޔުއްވައި ސޮއިކުރެއްވައި އިސްތިޣުފާ ދެއްވި އެވެ.
ކުޑަ ބަންޑާރައިންގެ އިސްތިޣުފާ އަށްފަހު އެކަން ހިނގައި ދިޔަ ގޮތާ ބެހޭ ގޮތުން ރިޕޯޓު ލިޔުނީ އޭރު، އޭޝިޔާގެ ގިނަ ގައުމުތައް އަޅުވެތި ކޮށްގެން އޮތް އިނގިރޭސި ސަރުކާރުންނެވެ. އެ ސަރުކާރުން އެ ރިޕޯޓު ލިޔުމުގެ ބޭނުމަކީ ރާއްޖޭގައި ހިނގައިދިޔަ ވެރިކަން ބަދަލުކުރުމުގެ ހަރަކާތުގައި އިނގިރޭސި ސަރުކާރުގެ ބައިވެރިވުމެއް ނެތްކަން ދެއްކުމެވެ. ވެރިކަން ބަދަލުވުމުގެ ހަރަކާތް އިނގިރޭސިން ދިވެހި ރާއްޖެ އަޅުވެތިކުރަން ބޭނުންވި ބޭނުމާ ގުޅިފައި އޮތްކަމުގައި ވިޔަސް އެކަން އެގޮތަށް ތާރީޚުގައި ހިމަނަން އިނގިރޭސިން ބޭނުން ނުވުމެވެ.
ކުޑަ ބަންޑާރައިންގެ ވެރިކަން ބަދަލުވިގޮތާ ބެހޭ ގޮތުން ރިޕޯޓް ލިޔުނު ފަދައިން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިގޮތާ ބެހޭ ރިޕޯޓެއް ވެސް ތައްޔާރު ކުރެވުނެވެ. މިފަހަރުގެ ރިޕޯޓަކީ ކުޑަބަންޑާރައިންގެ ވެރިކަން ބަދަލުކުރުމަށް ސަބަބަކަށް މެދުވެރިވި އިނގިރޭސިން އިސްތިއުމާރުކުރި ގައުމުތައް ހިމަނައިގެން އިނގިރޭސިން އެކުލަވައިލައިފައިވާ ކޮމަންވެލްތުން އެކުލައިލި ރިޕޯޓެކެވެ.
ކޮމަން ވެލްތުން މައްސަލަ ބަލައި ތަހުގީގުކުރަން ޖެހުނީ ރައީސް ނަޝީދު، ވެރިކަން ދޫކޮށްލެއްވުމަށް ފަހު އެއީ "ބޮލުގައި ބަޑި ޖައްސައިގެން" ކުރުވިކަމެއް ކަމަށް ވަކާލާތުކުރައްވައި ހައްގު ހޯއްދެވުމަށް އެ އިދާރާ އަށް ހުށަހެޅުއްވުމުންނެވެ.
ރައީސް ނަޝީދުގެ އިސްތިޣުފާއަކީ އެމަނިކުފާނު އަމިއްލަފުޅަށް ދެއްވި އިސްތިޣުފާ އެއްތޯ ނުވަތަ ބަޣާވަތަކުން ވެރިކަން އިންގިލާބުކޮށްލުންތޯ ބަލައި ތަހުގީގުކުރުމަށް ކޮމަންވެލްތުގެ ތަޖުރިބާކާރުންގެ ޓީމަކުން ޚާއްސަ ތަހުގީގެއް މާލޭގައި ހިންގި އެވެ.
ކަމާ ބެހޭ އެތައް ބަޔަކާ އިންޓަވިއުކޮށް ވީޑީއޯތަކާ ފޮޓޯތައް ދިރާސާކުރި އެވެ. އެތައް ދުވަހަކަށް ދިގު ދެމިގެން ދިޔަ ތަހުގީގަކަށް ފަހު ކޮމަންވެލްތުގެ ކޮމިޓީއަށް ރައީސް ނަޝީދުގެ ވެރިކަން އިންގިލާބަކުން ބަދަލުކުރެވުނު ކަމަކަށް އެއްބަހެއް ނުވެވުނެވެ. އެހެންކަމުން ބަޣާވަތެއްކަމަށް ރައީސް ނަޝީދު ދައުވާކުރައްވާ ވެރިކަން ބަދަލުވި ބަދަލުވުންވެފައި ވަނީ "އެއްބަސް ނުވެނު އިންގިލާބަކަށެވެ."