ކޭޝިއަރެއް އަދި ސޭލްސް މީހެއް ނެތި ވިޔަފާރިކުރެވޭނެ ފަދަ ފިހާރައެއް ހުޅުވަން އެސްޓީއޯއިން ތައްޔާރުވެއްޖެ އެވެ.
މިއީ ރާއްޖޭގައި ވެސް މިފަދަ ފިހާރައެއް ހުޅުވާ ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯއިން ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރާ މި ފިހާރައާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ޕީއެސްއެމްއަށް ވިދާޅުވީ ރާއްޖެއަށް އާ ޓެކްނޮލޮޖީ ތައާރަފްކުރުމާއި، އާ ޓެކްނޮލޮޖީއަށް އިންވެސްޓް ކުރުމަކީ އެކުންފުނީގެ މުހިއްމު އެއް އަމާޒު ކަމަށެވެ. އެގޮތުން، މިޓެކޮނޮލަޖީއާއެކު އެ ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަން ޖެހޭ ވަގުތު ކުޑަކޮށް، ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވެސް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ފިހާރަ ހުޅުވަން ހަމަޖެހިފައި ވަނީ ކުރިން އެސްޓީއޯ ހުޅުމާލެ ފިހާރަ ހިންގި ތަނުގައި އަންނަ މަހުގެ ފަހު ކޮޅު އެވެ.
މި ފިހާރައިން ވިޔަފާރީގެ މުއާމަލާތް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އަދި އެ އެފްލިކޭޝަންގައި ބޭންކު ކާޑު ރަޖިސްޓްރީކުރުމަށްފަހު ލޮގިންވުމުން ފިހާރައިން ވިޔަފާރި ކުރެވޭނެ އެވެ.
އެސްޓީއޯއިން ބުނީ އެ ފިހާރައިން ލިބެން ހުންނާނީ ހަމައެކަނި އެސްޓީއޯއިން އެތެރެކޮށް ވިއްކާ އުފެއްދުންތައް ނޫން ކަމަށެވެ. އެގޮތުން، މި ފިހާރައިގައި ކުދި ވިޔަފާރިތަކުގެ އުފެއްދުންތައް ވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
މި ފިހާރައިގައި ކޭޝިއަރެއް އަދި ސޭލްސް މީހެއް ވެސް ނެތްނަމަވެސް، ފިހާރާގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެޅިފައިވާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އެގޮތުން، މި ފިހާރައިގެ އެކިތަންތަނުގައި އާޓިފިޝަލް އިންޓެލިޖެންސް ކެމެރާ ނުވަތަ އޭއައި ކެމެރާތައް ހަރުކޮށްފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި އޭއައި ކެމެރާތަކުން ހަރުތަކާއި، ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ގާބިލުކަން ލިބިފައިވެ އެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފިހާރަތަކުގައި ބޭނުންކުރަމުން އަންނަ ޓެކްނޮލަޖީއެކެވެ. މިޓެކްނޮލަޖީ އެންމެ ފުރަތަމަ ދުނިޔެއަށް ތަޢާރަފްކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ. އެގޮތުން، ދުނިޔޭގެ އެކިކަންކޮޅުގައި ޖުމްލަ 3،000 އަށް ވުރެ ގިނަ ކޭޝިއަ-ލެސް ފިހާރަ މިހާރު ވެސް ހިންގަ އެވެ.
ޠިޔަކަހަލަ ކަންތައް ތައް ތައާރަފް ކުރީމަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ގެއްލޭނީ