ސ. ހިތަދޫގައި އަލަށް މީހުން އާބާދުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމުކުރުމާއި ގއ. ވިލިނގިލި އަލަށް އާބާދުވީ ސަރަހައްދާއި ހިއްކި ބިމުގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ސަނާ ފާރޫގު އެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އެވެ.

ޕްލޭނިން މިނިސްޓްރީއިން ބުނީ މިމަޝްރޫއުގެ ދަށުން ސ. ހިތަދޫ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމު ކުރެވިފައިނުވާ ސަރަހައްދުގައި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި ފެނުގެ ވިއުގައެއް އެޅުމާއި ފެން މީޓަރުތައް ބަހައްޓާ، މިހާރު އައްޑޫ ހިތަދޫގައި ދެމުންދާ ފެނާއި ނަރުދަމާ ނިޒާމާއި ގުޅާލުން ހިމެނޭ ކަމަށެވެ.

ހިތަދޫ އަލަށް އާބާދުވާ ސަރަހައްދުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރަން ފެނަކާ ހަވާލު ކޮށްފައިވަނީ 21.53 މިލިއަން ރުފިޔާ އަށެވެ.

މީގެ އިތުރުން ފެނަކަ އާއި ދެން ހަވާލުކޮށްފައިވަނީ ގއ. ވިލިނގިލި އަލަށް އާބާދުވީ ސަރަހައްދާއި ހިއްކި ބިމުގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު އެވެ.

މިއީ 180 ދުވަހޫ ތެރޭގައި ނިންމާގޮތަށް ހަވާލު ކޮށްފައިބަނީ 11.44 މިލިއަން ރުފިޔާ އަށެވެ.