ވ. އާރަށް ދޫކުރުމުގެ ބަދަލެއްގެ ގޮތުގައި ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުން އަންނަ މާޗު މަހު އެމަނިކުފާނު މިނިވަންވެވަޑައިގަންނަވާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް، ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފާ ގުޅޭ ގޮތުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މިއަދު ވަނީ، މ. ދިމްޔާތުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީންގެ ވަކީލުން ޓީމުގެ އިސް ލޯޔަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ހައި ކޯޓުގައި ޔާމީންގެ ހުކުމް އިސްތިއުނާފުކޮށް، އެ މައްސަލަ ބަލައި، މާޗު މަހުގެ ތެރޭގައި ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަން، ވަރަށް ތެދަށް ދަންނަވާ ކަމަށް ވަންޏާ މާޗު ހިސާބުގައި ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ލީގަލް ޓީމުން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ފޮޓޯ: ޕީޕީއެމް

އިސްތިއުނާފު މަރުހަލާ އާއި ދަށު ކޯޓު މަރުހަލާ ތަފާތުކަން ފާހަގަކުރައްވަމުން، ޑރ. ޖަމީލް ވިދާޅުވީ، އިސްތިއުނާފު މަރުހަލާ ހިނގާލެއް އަވަސްވާނެ ކަމަށެވެ. ހައި ކޯޓުގައި ވެސް އާންމުކޮށް އިސްތިއުނާފު މަރުހަލާތަކުގައި ބާއްވަނީ ދޭއް ނުވަތަ ތިން އަޑުއެހުން ކަމަށް ވެސް ވިދާޅުވި އެވެ.

ވަކީލުންގެ ޓީމުންގައި ހިމެނިވަޑައިގެންނަވާ އާދަމް ޝަމީމް ވެސް ވިދާޅުވީ، މި މުޅި މައްސަލަ އަދިވެސް ދިރާސާ ކުރަމުންދާ ކަމަށާއި މިއީ ވަރަށް ބޮޑު، ބުރަ މަސައްކަތެއް ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރަމުންދަނީ، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ތެރޭ އިސްތިއުނާފް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮނުނު ކޮނުނުހެން ފަސް ގިނަވާ އުސޫލުން މިކަން މިދަނީ. ވަކި ދުވަހެއް ބުނާކަށް ނެތިން، އެކަމަކު އިރާދަކުރެއްވިޔާ ކުރިއަށް އޮތް ހަފްތާއެއް [ނުވަތަ] ދެ ހަފްތާއެއްހާ ދުވަހު އިސްތިއުނާފަށް ހުށަހެޅޭތޯ ބަލާނަން،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އިސްތިއުނާފަށް ހުށަހެޅުން ލަސްވެގެން ޔާމީން ކަންބޮޑުވެވަޑައެއް ނުގަންނަވަ އެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ، ވަކީލުންގެ ޓީމުން ހަމަޖެހިގެން ވީހާ ވެސް ރަނގަޅު އިސްތިއުނާފެއް ހުށަހެޅުމަށް ކަމަށް ޝަމީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ވަރަށް ބޮޑަށް ދިރާސާ ކުރަން ޖެހޭ ކަމަށެވެ. އެކަމުގައި، ޕާާޓީގެ މެމްބަރުންނާއި ލީޑާޝިޕުން ވެސް ސުވާލު ކުރާ ކަމަށާއި ވީހާ ވެސް އަވަހަށް އިސްތިއުނާފު ކުރެވޭތޯ ބަލަމުންދާ ކަމަށް އެ ވަކީލުން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ލީގަލް ޓީމުން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ފޮޓޯ: ޕީޕީއެމް

ކްރިމިނަލް ކޯޓުން މައްސަލައިގެ ޝަރީއަތް ލިބުނު ގޮތުގެ ރިޕޯޓު ދޫނުކުރާތީ އިސްތިއުނާފު ކުރުން ލަސްވާ ކަމަށް މީގެ ކުރިން ޔާމީންގެ ވަކީލުން ބުނެފައިވެ އެވެ. އެ ރިޕޯޓު ކޯޓުން ދޫކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

މީގެ ކުރިން ގއ. ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ނޮވެމްބަރު 28، 2019ގައި ކުރި ހުކުމް އެމަނިކުފާނުގެ ފަރާތުން އޭރު އިސްތިއުނާފު ކުރީ ދެ ދުވަހުގެ ތެރޭގަ އެވެ. އެ މައްސަލައިގައި ހައި ކޯޓުން އެމަނިކުފާނަށް ކާމިޔާބު ނުލިބުނު ނަމަވެސް، ސުޕްރީމް ކޯޓުން ހުކުމް ބާތިލު ކުރި އެވެ.

ޔާމީންގެ ޕީޕީއެމް-ޕީއެންސީން މި ހުކުމް ގަބޫލެއް ނުކުރެ އެވެ. އެ ކޯލިޝަނުން ބުނެފައިވަނީ، އެއީ ސިޔާސީ ނުފޫޒުން ދައުވާ އުފުލައި، ކޮށްފައިވާ "ހަރާމް ހުކުމެއް" ކަމަށެވެ.