ކެންސަރު ބައްޔަކީ ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ތިން ސަބަބުގެ ތެރެއިން އެއް ސަބަބު ކަމަށާއި އެގޮތުން ކޮންމެ އަހަރަކު 17 ޕަސެންޓް މީހުން މަރު ވަނީ ކެންސަރު ބަލީގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

‎ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން 2020 ގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސެންޓް މީހުންނަކީ ކެންސަރު ބަލީގައި މަރުވާ މީހުން ކަމަށެވެ.

ރާއްޖޭގައި ފިރިހެނުންނަށް އާއްމުކޮށް ޖެހޭ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ފުއްޕާމޭ، ޕްރޮސްޓޭޓް، ކޮލޮރެކްޓަލް، ބަނޑާއި ފުއްޕާމޭގެ ކެންސަރު ހިމެނެ އެވެ. އަދި އަންހެނުންގެ މެދުގައި އެންމެ ގިނައިން ފެންނަނީ އުރަމަތީގެ ކެންސަރު، ކޮލޮރެކްޓަލް، ފުއްޕާމޭ، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު އަދި ތައިރޮއިޑް ކެންސަރެވެ.

އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2016 އިން 2019 އަށް، 7500 އަށް ވުރެ ގިނަ މީހުން ކެންސަރަށް ފަރުވާ ހޯދާފައިވެ އެވެ.

މީގެތެރެއިން ފިރިހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ ފުއްޕާމޭގެ ކެންސަރަށެވެ. އަދި އަންހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނައިން ފަރުވާހޯދާފައިވަނީ އުރަމަތީގެ ކެންސަރަށެވެ.

2023 ވަނަ އަހަރަށް ދުނިޔޭގެ ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ފަރުވާގެ ފަރަގު ކުޑަކުރަމާ" މި އެވެ. ރާއްޖޭގައި ވެސް ކެންސަރާ ދެކޮޅަށް މުހިންމު މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

މުޅި ދުނިޔޭގައި ތަފާސް ހިސާބަށް ބަލާއިރު އަހަރަކު 17 މިލިޔަނަށް ވުރެ ގިނަ މީހުންނަށް ކެންސަރު ޖެހިގެން ރިޕޯޓު ކުރެ އެވެ. އަދި 2040 ވަނަ އަހަރާ ހަމައަށް ދާއިރު މި އަދަދު 27 މިލިޔަނަށް އަރާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ އިން ރިޕޯޓުކުރެ އެވެ.