ރައީސް ޔާމީންގެ ސަރުކާރުން މަގުތައް ތަރައްގީކުރުމާއި މި ސަރުކާރުން މަގުތައް ތަރައްގީކުރުމުގައި ހުރި ތަފާތުތައް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކިޔައިދެއްވައިފި އެވެ.
ޕީޕީއެމް/ޕީއެންސީއިން މިހާރު ދަރުބާރޫގޭގައި ކުރިއަށް ގެންދާ "ހޯޕް ކޮންފަރެންސް" ގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ޔާމީންގެ ސަރުކާރުން މާލޭގެ ބޮޑުތަކުރުފާނު މަގުގެ މަޝްރޫއާއި މި ސަރުކާރުގެ އަމީނީމަގު މަޝްރޫއު ކުރިއަށްދާ ގޮތުގެ ތަފާތު ކިޔައިދެއްވައިފަ އެވެ.
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދިޔަކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ފަހު ހަފްތާގައި ކަމަށާއި އެ މަސައްކަތް އޮގަސްޓް 30 އަށް ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން އަމީނީ މަގު ހެދުމުގެ މަސައްކަތް ހަ މަސް ވެގެންދިޔައިރު ވެސް ބޮޑުބައި ނިމިފައިނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެ މަސައްކަތްތަކީ ހަތް މަސް ދުވަހު ތެރޭގައި ނިންމަށް ހަވާލުކޮށްފައިވާ މަސައްކަތެއްކަން ވެސް ޑރ. މުއިއްޒު ފާހަގަ ކުރެއްވި އެވެ.
"އެމްޓީސީސީ ހުޅުމާލެ ފެރީ ޓާމިނަލްއާ ހިސާބުން އިންޑަސްޓްރިއަލް ވިލެޖު ނިމޭ ހިސާބުން އޭގެ އިތުރަށް އިއްޒުއްދީން މަގުވެސް ފުޅާކުރެވިގެން އައިސް އަމީނީ މަގާ ހަމައަށް ދެމަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމި، އޭގެ ތެރެއިން މެރީ ބުރައުންއާ ހިސާބުން ބްރިޖު ފެށޭ ހިސާބަށް އެދޭތެރޭގައި ތާރު އަޅަން ނެގީ 10 ގަޑިއިރު، އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގެ ރޭގަނޑު ފަށައިގެން 10 ގަޑިއިރު ތެރޭގައި އެ މަސައްކަތް ވަނީ ނިމިފައި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން މޭޔަރު ވަނީ އަމީނީ މަގުގެ މަޝްރޫއުގެ އަގާ ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ޑރ. މުއިއްޒު ވިދާޅުވީ މި މަޝްރޫއާ ގުޅިގެން އާރްޑީސީން އެންމެ ފުރަތަމަ އެއްބަސްވީ ސިޓީ ކައުންސިލާއެކު ކަމަށާއި އޭރު އެއްބަސްވީ 39 މިލިއަން ރުފިޔާއަށް ކަމަށެވެ.
ނަމަވެސް ހަމަ އެ މަސައްކަތް އެއްވެސް ބަދަލެއް ނުގެނެސް 84 މިލިއަން ރުފިޔާއަށް ސޮއިކުރީ ޕްލޭނިން މިނިސްޓްރީއާ އެކު ކަމަށް ފާހަގަކުރައްވާ މޭޔަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެހާ ބޮޑު އަގަކަށް މަސައްކަތް ހަވާލުކޮށްފައިވާއިރު މަސައްކަތް މިހާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށާއި މިފަދަ މަޝްރޫއުތަކުން ދެ ސަރުކާރުގެ ތަފާތު ފެންނަމުންދާ ކަމަށެވެ.