އިދިކޮޅުން މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ފިޔަވައި ބާކީ ތިބި ހައްޔަރީން ދޫކޮށްލައިފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިއްޔެ ކުރި މުޒާހަރާގައި ހައްޔަރުކޮށްފައި ވަނީ ޖުމްލަ 20 މީހެކެވެ. އެމީހުން ހައްޔަރުކުރީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވާ ވަގުތާ ދިމާކޮށް މަޖިލިސް ހުންނަ ސަރަހައްދުގައި މުޒާހަރާކުރުމުންނެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ފިޔަވައި ދެން ތިބި އެންމެން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ އެންމެން ދޫކޮށްލީ ރޭގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވެސް ހިމެނޭއިރު، އޭނާ މިނިވަންކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ގޮވާލާފަ އެވެ. އަދި ރޭ ދޫކޮށްލި މީހުންގެ ތެރޭގައި ޑެޕިއުޓީ މޭޔަރު ނަރީޝް ވެސް ހިމެނެ އެވެ.

މި މުޒާހަރާގައި އިދިކޮޅުގެ ސަޕޯޓަރުން ވަނީ ރައީސް ޞާލިޙުގެ އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ. އަދި މިވަގުތު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިނިވަންކުރުމަށް ވެސް އިދިކޮޅުން ގޮވާލައިފައިވެ އެވެ.