"ޑްރާމާ ކްއީން" ގެ ގޮތުގައި މަޝްހޫރުވެފައިވާ ނެށުންތެރިޔާ އަދި ބޮލީވުޑް ތަރި ރާކީ ސާވަންތު މީގެ މަހެއްހާ ދުވަސް ކުރިން ކައިވެނިކުރި ވިޔަފާރިވެރިޔާ އާދިލް މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ފުލުހުންނަށް މައްސަލަ ހުށައެޅުމުގެ އޭނާ ހައްޔަރުކޮށްފި އެވެ.

"ބިގްބޮސް" އިންވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ރާކީ ބުނެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން "ފިލައިގެން" އުޅުމަށްފަހު އޭނާގެ ފިރިމީހާ އެނބުރި ގެއަށް އައިސް އަނިޔާކުރި ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން މިހާރު އާދިލް ހައްޔަރުކޮށްފައިވާ ކަމަށް ވެސް ރާކީ ބުންޏެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރާކީއަށް އާދިލް އަނިޔާކުރާ ކަމަށް މައްސަލަ ހުށައެޅީ އިއްޔެގެ ވަގުތެއްގައި އެވެ.

"ދެފައިގަ ހިފާ ވައްޓާލާ އަނިޔާކުރީ. ލާރިކޮޅު ވެސް ފޭރިގަނެއް ދިޔައީ. ފުލުހުން މިހާރު އާދިލް ހައްޔަރުކޮށްފި،" ރާކީ ބުންޏެވެ.

ރާކީ ބުނީ އޭނާއާއި ފިރިމާ އާދިލް މައްސަލަ ޖެހުނީ އާދިލް ގެއަށް އައިރު މުޅިގައިގައި އެހެން މީހަކު ބޮސްދީފައިވާ ނިޝާންތައް ހުރުމުން ކަމަށެވެ.

އޭނާއާއި އާދިލް ކައިވެނި ކުރީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު އެވެ. އެ ދެ މީހުން ސިއްރުން ކައިވެނި ކުރި ނަމަވެސް، މީޑިއާތަކުން ވަނީ އެމީހުންގެ ކައިވެނި ފަޅާއަރުވާލާފަ އެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އާދިލް ވަނީ ރާކީއާ ކައިވެނި ކުރިކަމަށް ބުނެ ފަތުރާ ހަބަރަކީ ދޮގެއް ކަމަށް ބުނެފަ އެވެ.

މި މައްސަލަތަކުގެ ތެރޭގައި އުޅެނިކޮށް، ރާކީގެ މަންމަ ވެސް ވަނީ މަރުވެފަ އެވެ. ރާކީ ބުނީ އޭނާގެ މަންމަ ވެސް މަރުވީ އާދިލްގެ އުޅުން ހުރިގޮތުން ކަމަށެވެ. އަދި ރާކީ ވަނީ އޭނާއަށް އާދިލް ބޭވަފާތެރިވެފައިވާ ކަމަށް ވެސް ބުނެފަ އެވެ.