ސިނާއީ ބޭނުމަށް ބިން ދޫކުރަން ތިލަފުށިން އަލަށް ހިއްކާ ސަރަހައްދުގެ 90 ޕަސެންޓް ދިވެހި ކުންފުނިތަކަށް ހާއްސަކޮށް، ކުލި ކޮންޓްރޯލް ކުރެވޭ އުސޫލުތަކުގެ ތެރެއިން ދޫކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފި އެވެ.

ސިނާއީ ބޭނުމަށް ތިލަފުށިން 50 ބިމެއް ވިއްކަން ނިންމައި އޭގެ ތަފްސީލު އެޗްޑީސީއިން ރޭ ވަނީ އާންމުކޮށްފަ އެވެ.

އެ އިއުލާނުގައިވާ މައުލޫމާތު ޝީޓުން އެނގޭ ގޮތުގައި، ތިލަފުށިން ސިނާއީ މަސައްކަތަށް ބިން ދޫކުރުމުގެ ފުރަތަމަ ފިޔަަވަހީގެ ދަށުން ޖުމްލަ 449،360.85 އަކަފޫޓުގެ ބިން ވިއްކާނެ އެވެ. އަދި ބިޑު ކުރެވޭ އެންމެ ކުޑަ ރޭޓަކީ އަކަފޫޓަކަށް 1،700ރ. އެވެ. އެ ރޭޓުން ބަލާ ނަމަ، އެންމެ މަދުވެގެން 763.9 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބެ އެވެ.

ތިލަފުށިން ބިން ވިއްކާ ގޮތާ މެދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެ މެމްބަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ބޭރުގެ ފަރާތްތަކާއި ކުންފުނިތަކަށް ވެސް އެ ތަނުން ބިން ގަތުމުގެ ފުރުސަތު ހުޅުވާލާފައި އޮތްއިރު، ބިމަށް ކަނޑައެޅީ މާ ދަށް އަގެއް ކަމެވެ.

އެކަމާ ގުޅިގެން އެޗްޑީސީއިން ނެރުނު ބަޔާނެއްގައި ވަނީ ބޭރުގެ ކުންފުނިތަކަށް އެދެވޭނީ ތިލަފުށިން ދޫކުރާ ބިންތަކުގެ ތެރެއިން މަދު ބިންތަކަކަށް ކަމަށެވެ.

"ތިލަފުށިން އަލަށް ހިއްކަމުންދާ ބިމުގެ 90 ޕަސެންޓް ބިން ދިވެހި ވިޔަފާރިތަކަށް ހާއްސަކޮށް، ކުލި ކޮންޓްރޯލް ކުރެވޭ އުސޫލުތަކުގެ ތެރެއިން ދިނުމަށް ވަނީ ކަނޑައެޅިފައިކަން ފާހަގަކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

ތިލަފުއްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ނޫންކަން ފާހަގަކޮށް އެޗްޑީސީއިން ބުނީ ބޭރުގެ ވިޔަފާރިތަކުން ބިމަށް އެދި ހުށަހެޅުމުގައި ރާއްޖޭގެ ގާނޫނުތަކާއި ކަމާ ބެހޭ އުސޫލުތަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

"މިގޮތުން، ދިވެހި ވިޔަފާރިތަކަށް ހާއްސަ ކޮށްފައިވާ ވިޔަފާރިތައް، މަސްވެރިކަން، ދަނޑުވެރިކަން ފަދަ ވިޔަފާރިތަކަށް މި ވިޔަފާރިތަކުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން އަރުވަމެވެ،" އެޗުޑީސީގެ ބަޔާނުގައިވެ އެވެ. "އަދި ހަމަ މިފަދައިން މިއީ ދިވެހިންނަށް ވަޒީފާގެ ގިނަ ގުނަ ފުރުސަތު ލިބިގެންދާނެ މަޝްރޫއެއްކަން ފާހަގަކުރަމެވެ."

އެޗްޑީސީއިން ބުނާ ގޮތުގައި މި މަޝްރޫއުގެ މަގްސަދަކީ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތަކަށް ބޮޑު ލުޔެއް ހޯދުމާއި ދިވެހި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް އިތުރުކުރުމެވެ. އަދި މި މަޝްރޫއުގެ ސަބަބުން މުދަލުގެ އަގު ހެޔޮވެ، ދިވެހިންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށް އެ ކުންފުނިން ދެކެ އެވެ.