ދެކުނު އިންޑިއާގެ ތަރި، ޕްރަބާސް އާއި ބޮލީވުޑްގެ ތަރި، ކްރިތީ ސަނޮން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު ފެތުރިފައިވާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެހެން ނަމަވެސް އެކަން އެ ދެމީހުން ވެސް ރަސްމީކޮށް އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރަބާސް އާއި ކްރިތީ އެންގޭޖްމަންޓް ރަސްމިއްޔާތު ބާއްވަން އަންނަ ހަފްތާގައި ރާއްޖެ އަންނާނެ އެވެ. މިކަން ކްރިތީ ވެސް އަދި ޕްރަބާސް ވެސް ދޮގުކޮށްފައެއް ނުވެ އެވެ.
ކްރިތީ، 32، އާއި ޕްރަބާސް، 43، ގެ އެންގޭޖްމަންޓް ރާއްޖޭގައި ބާއްވަން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، އަރަމުން އަންނަ ބަތަލާ ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކޮށްފައިވެ އެވެ.
ދެ ތަރިން އެ ވާހަކަތަކާއި ގުޅޭގޮތުން ވާހަކަ ނުދައްކާ ތިއްބައި އެވާހަކަތަކަށް ބާރު ލިބޭ ފަދަ ގޮތަކަށް ވާހަކަ ދެއްކީ މިދިޔަ އަހަރު ރިލީޒް ކުރި ކްރިތީގެ ފިލްމު "ބޭދިޔާ" ޕްރޮމޯޝަނެއްގައި ކަލާޒް ޓީވީއިން ގެނެސްދޭ "ޖަލަކް ދިކްލާޖާ" ޝޯގައި ބައިވެރިވެ ކްރިތީއާއެކު އެ ފިލްމުގައި ލީޑްރޯލުން ފެނިގެންދިޔަ ވަރުން ދަވަން އެވެ.
ވަރުން ބުނީ ކްރިތީގެ ނަން އޮތީ މުމްބާއީން ބޭރުގައި ހުރި އެކްޓަރެއްގެ ހިތުގައި ލިޔެވިފައި ކަމަށެވެ. އޭނާ ހުރީ ދީޕިކާ ޕަދުކޯން އާއި އެކު ފިލްމެއް ކުޅެއް ގޮސް ކަމަށް ބުންޏެވެ. އެއީ ޕްރަބާސްގެ ވާހަކަ އެވެ.
އޭގެ ފަހުން އެ މީހުންނާއެކު ފިލްމުގައި މަސައްކަތް ކުރި މީހަކު ވަނީ ދެމީހުން ވަރަށް އަވަހަށް އެންގޭޖްވާން އުޅޭކަމަށް ބުނެފައި އެވެ. މިހުރިހާ ވާހަތަކަކާ ގުޅިގެން މަޑުން ހުރުމަށް ފަހު އެންމެ ފަހުން ކްރިތީ ވަނީ އެ ވާހަކަތަކަށް ރައްދު ދީފަ އެވެ.
ކްރިތީ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައި ވަނީ ޖަލަކް ދިކްލާޖާއަށް ގޮސްފައި ވަރުން ޕްރިބާސްއަށް ރައްދުވާގޮތަށް ދެއްކި ވާހަކައަކީ މަޖަލަކަށް ދެއްކި ވާހަކައެއް ކަމަށެވެ. އަދި ނޫސްތަކުން އޭނާގެ ކައިވެނީގެ ތާރީހު ބުނުމުގެ ކުރިން ޕްރަބާސް އާއި ރައްޓެހިގެން ނޫޅޭ ކަމަށް ކްރިތީ ބުނެފައިވެ އެވެ.
ކޮފީވިތް ކަރަންގެ ސީޒަން ހަތް ވަނަގައި ޕްރަބާސް އާއި ކްރިތީ އެކުގައި ވަނީ ފެނިގެން ގޮސްފަ އެވެ. އެ ދެ ތަރިންގެ ޖޯޑު ގިނަ ބަޔަކަށް ވަނީ ކަމު ގޮސްފަ އެވެ.
ޕްރަބާސް ބޮލީވުޑަށް ނުކުތީ 2019 ގައި ޝްރައްދާ ކަޕޫރާ އެކު "ސާހޯ" އިންނެވެ. އޭގެ ފަހުން ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް އޭނާ މަސައްކަތްކުރަމުން އަންނައިރު އޭނާއަކީ ތެލޫގޫ ސިނަމާގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ތަރިއެވެ.