މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 24 ބޭފުޅަކަށް ދޭން ނިންމައިފި އެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ރައީސް އޮފީހުން ބުނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ 14 ބޭފުޅުންގެ ތެރެއިން ހަ ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާޢްސަ އިނާމު، މި އަހަރު ލިބިވަޑައިގަންނަވަނީ 20 ބޭފުޅަކަށެވެ. އެ ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސް އެކުލަވައިލެއްވި ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ.

ރައީސް ދެއްވާ މެޑެލް ހާސިލު ކުރައްވަނީ، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި އަދި ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަތަ އެނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ ހަ ބޭފުޅެކެވެ.

އެ ފަރާތްތަކަށް އިނާމު ދިނުމާއި، މި އަހަރު ދައުލަތުން ދެއްވާ އިނާމުތައް ދިނުމާއި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މާދަމާރޭ 8:30 ގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.

ކީރިތި ގުރްއާން ހިތުދަސްކޮށް އެއް ވަނަ ދަރަޖައިގައި ފާސްވި ހަތަރު ޙާފިޒުންނަށް ރައީސް ދެއްވާ ހާއްސަ މެޑެލް ވެސް އެ ޖަލްސާގައި ދެއްވާނެ އެވެ.

އެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ދިވެހި ގައުމާ މުހާތަބު ކުރައްވާނެ އެވެ. އަދި ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި އެ ކާރިސާގައި ގެއްލުނު މީހުންގެ ހަނދާނުގައި އެއް މިނެޓުގެ ސުކޫތެއް ގެންނާނެ އެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅޭގޮތުން ޖަލްސާގައި ވާހަކަ ދައްކަވާނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.