މާލެ ސަރަހައްދުގައި ދަތުރު ދާން ސަރުކާރުން ތަރައްގީކުރި ކުޑަގިރި އާންމުންނަށް ހުޅުވާލުމަށް ރަސްމީކޮށް ހުޅުވައިފި އެވެ.

ކުޑަގިރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކުޑަގިރި ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މިރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ އިސްވެރިންނާއި އާއްމުން ބައިވެރިވެ އެވެ.

ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރައީސް ދެކަނބަލުންނާއި ނައިބު ރައީސްގެ އިތުރުން ދައުލަތުގެ އިސްވެރިންނާއި ޢާއްމުންވަނީ ކުޑަގިރީގައި ގާއިމުކޮށްފައިވާ އެކި ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވެފަ އެވެ.

މާލެ ސަރަހައްދުގައި ދަތުރު ދާނެ ރަށެއް ތަރައްގީކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަކުގެ ދަށުން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖްތިމާއީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ހިންގާ މަޝްރޫއުއެކެވެ.

ކުޑަގިރީގައި އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް ލިބިގެންދާނެ އެވެ.

ކުޑަގިރި ހިންގާ އެޗްޑީސީން ވަނީ އެތަނަށް ދަތުރުދާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ވަސީލަތްތައް ފޯރުކޮށްދިނުމަށް ތައްޔާރުވެފަ އެވެ. މާލެއިންނާއި ހުޅުމާލެއިން ފުރައިގެން ދިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، 15 މިނެޓުން ކުޑަގިރިއަށް ދެވޭނެ އެވެ.

ކުޑަގިރި އާންމުންނަށް ހުޅުވާލެވިގެންދާއިރު މި ރަށުގައި ތަފާތު އެކި ކަންކަން ކުރެވޭނެ އެވެ. ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް މިތަނުގައި ކައިވެނީގެ ހަފްލާތަކާއި، އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށްވެސް ފުރުސަތު ދެވިގެންދާނެ އެވެ.

މީގެ އިތުރުން، މި ރަށުގައި ޑައިވިން އަދި ވޯޓާސްޕޯޓްސްގެ ގިނަ ހަރަކާތްތަކުގެ އިތުރުން ޓޫރިސްޓުންނަށް ވެސް މި ރަށަށް ޒިޔާރާތްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކުޑަގިރިއަށް ޕިކްނިކްދާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ކަންކަން ވެސް އެޗްޑީސީން ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން، އެތަނުގައި ފާހަނާބަރި، ޗޭންޖިން ރޫމާއި ނާސިންގް ރޫމް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

މި ނާސިންގް ރޫމް ގާއިމްކުރެވިފައި ވަނީ ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުންދިނުން ފަދަ ކަންކަން ފަސޭހައިން ކުރެވޭނެފަދަ އިންތިޒާމުތަކާއެކު އެވެ. އަދި މިސްކިތަކާއި، ކްލިނިކްއަކާއި، ކޮންވީނިއެންސް ސްޓޯރު އަދި ރީޓެއިލް ސްޓޯރުގެ އިތުރުން ކެފޭއެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ. އަދި ފެނަކަ ކޯޕަރޭޝަނުން ވަނީ އެ ރަށުގެ ފެނާއި ކަރަންޓުގެ ހިދުމަތް ވަނީ ދޭން ފަށައިފަ އެވެ.

ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކުޑަގިރިއަށް ދަތުރުދިޔުމަށް އެޗްޑީސީން ވަނީ ހާއްސަ އުސޫލެއް ވެސް އެކުލަވާލާފަ އެވެ. މި އުސޫލުގެ ދަށުން ސަރުކާރު ބަންދު ދުވަސްތަކުގައި އެއްވެސް ފީއަކާއި ނުލާއި ރަށަށް ދަތުރު ދެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ކުޑަގިރި މިއަދު އާންމުންނަށް ހުޅުވާލިއިރު މިއަދަށް ބުކިން ހެއްދުމަށް ހުޅުވާލީ 300 މީހުންނަށެވެ. އެހެން ނަމަވެސް ކުޑަގިރި ތަރައްގީކޮށްފައި ވަނީ އެއްފަހަރާ 500 ނުވަތަ 600 މީހުންނަށް ހިދުމަތް ދެވޭނެ ފެސިލިޓީ އާއެކު ކަމަށް އެޗްޑީސީން ބުންޏެވެ.