ހުލާސާ ރިޕޯޓަކަށް ބަދަލު ގެނައި މައްސަލައެއްގައި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު އަކުރަމް ސަސްޕެންޑް ކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އަކުރަމް ސަސްޕެންޑް ކޮށްފައި ވަނީ 7 ދުވަހަށް ކަމަށެވެ.

ޖޭއެސްސީ އިން ބުނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއެއްގައި މެޖިސްޓްރޭޓް އަކްރަމް ހުކުމްކޮށް 10 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ޚުލާސާ ރިޕޯޓެއް ދައުވާގައި ހިމެނޭ ފަރާތްތަކަށް ދޫކުރުމުން، އެ ޚުލާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް 2020 ފެބްރުއަރީ 19 ގައި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އެ ގަޒިއްޔާ އިސްތިއުނާފު ކުރުމަށް ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ކަމަށެވެ.

އެކަމަކު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހައިކޯޓަށް ފޮނުވާފައި ވަނީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ލިޔެކިޔުމުގައި ހިމެނޭ ޚުލާސާ ރިޕޯޓުގެ ބަދަލުގައި އެ ރިޕޯޓުގައި ނުހިމެނޭ އިތުރު ނުކުތާތަކެއް އިތުރުކޮށްފައިވާ ޚުލާސާ ރިޕޯޓެއް ކަމަށެވެ.

ޖޭއެސްސި އިން ބުނީ މިގަޒިއްޔާގެ ހުކުމްކޮށް ހުލާސާ ރިޕޯޓު ދޫކުރިފަހުން، ހުކުމް ކުރި ޝަރީއަތުގެ މަޖިލީހުގައި ވެސް މެޖިސްޓްރޭޓް އަކްރަމް ފާހަގަކޮށްފައި ނުވާ އިތުރު ނުކުތާތަކެއް ހުލާސާ ރިޕޯޓަށް އިތުރުކޮށްފައިވާ ކަމަށެވެ. މިއީ ކަނޑައެޅިގެން ގާނޫނާ ހިލާފު ކަމެއް ކަމަށް ވެސް ޖޭއެސްސީ އިން ބުނެ އެވެ.

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ލިޔެކިޔުމަށް ބަދަލު ގެނެސް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ހުށަނާޅާ ލިޔުމެއް، އެ އޮފީހުން ހުށަހެޅި ލިޔުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވުމާއި، ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުން ހުށަހެޅި ލިޔުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ނުފޮނުވާ ބޭއްވުމަކީ ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުގެ ލިޔެކިޔުމަށް ބަދަލު ގެނަސް ހަގީގަތް އޮޅުވާލުންކަން ސާބިތުވާތީ، މެޖިސްޓްރޭޓް އަކްރަމްގެ މި ޢަމަލަކީ، ޖޭއެސްސީގެ ދަށުން، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް މެޖިސްޓްރޭޓް އަކްރަމް މިއަދުން ފެށިގެން ވަޒީފާގެ މަސައްކަތަށް ނުކުތުން 7 (ހަތެއް) ދުވަހަށް މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.