ހުކުރު މަލާފަތުގެ މިއަދުގެ ބައިގައި މި ގެނެސްދެނީ ހަދާލަން ފަސޭހަ އެހެން ނަމަވެސް ރަހަވެސް މީރު ބާވަތެކެވެ. ހުރިހާ ބޭފުޅުންނަށް ވެސް ކަމުދާނެ ކަމަށް ހީކުރަމެވެ.

ބޭނުންވާ ތަކެތި

  • 5 ޖޯޑު ޕާސްތާ މެކްރޯނީ (ފެނުކައްކާފައި)
  • 2 ފިޔާ (ހިމުންކޮށް ކޮށާފައި)
  • 1 ޖޯޑު ޗީޒް (ގާނާފައި)
  • 1 ޖޯޑު ގްރީންޕީސް
  • 2 ޓޮމާޓޯ (ފޮތިފޮތިކޮށް ކޮށާފައި)
  • 2 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
  • 1 ޖޯޑު ފަސްމީރު މަސް
  • 1/2 ޖޯޑު ޓޮމާޓޯ ސޯސް
  • 1/2 ޖޯޑު ޗިލީ ސޯސް
  • 1/2 ސައިސަމުސާ މުގުރި އަސޭމިރުސް
  • 1 ކެރެޓް (ގާނާފައި)
  • 1/2 ޖޯޑު ޕީލްޑް ޓޮމާޓޯ
  • 1/2 ސައިސަމުސާ އަޖިނަމޮޓޯ
  • 2 ލޮނުމެދު (ގާނާފައި)
  • 1 ސައިސަމުސާ އިނގުރު (ގާނާފައި)
  • ލޮނުކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

  1. އެންމެ ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ތެޔޮފޮދު ހޫނުވުމުން ފިޔާ ކޮޅާއި ކެޕްސިކަމް އަދި ކެރެޓް އެއްކޮށްލާށެވެ.
  2. ފިޔާކޮޅު މޯޅި ވުމުން ޓޮމާޓޯ ފޮތިތަކާއި ޗީޒް ފިޔަވައި ބާކީހުރި ހުރިހާ ބާވަތްތައް އެއްކޮށް މިބައި ރަނގަޅަށް އެއްވަންދެން މަޑުގިނީގައި ކައްކާލާށެވެ.
  3. ދެން ޓްރޭއެއްގައި ކުޑަ ބަޓަރުކޮޅެއް ހާކާފައި ޕާސްތާކޮޅު ޓްރޭގައި ފަތުރާލާށެވެ. ދެން ޓޮމާޓޯ ފޮތިތައް ޕާސްތާ މަތީގައި އަތުރާލުމަށްފަހު މައްޗަށް ޗީޒް ވިއްސާލާފައި ޗީޒް ދިޔާވަންދެން އަވަނުން ފިހެލާށެވެ.