ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލެޓްވިއާއަށް ނިސްބަތްވާ 49 އަހަރުގެ ފިރިހެނެކެވެ. ފުލުހުންނަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެމީހާ ހައްޔަރު ކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެއަޕޯޓުންނެވެ.

ފުލުހުން ބުނީ ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާގެ ހަށިގަނޑުން 127 ބުލެޓު ނަގާފައިވާ ކަމަށެވެ. އެއީ 1353 ގްރާމްގެ މަސްތުވާތަކެއްޗެވެ.

ފުލުހުން ބުނީ އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މިހާރު އަމަލުކުރަމުންދާ ގަވައިދުގެ ދަށުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން ޑީޕޯޓުކޮށްލަނީ އެވެ. އަދި އެފަދަ މީހުން ޑީޕޯޓުކޮށްލަނީ މަސްތުވާތަކެތި އެތެރެކުރަނީ ރާއްޖޭގެ ނެޓްވޯކަކާ ގުޅިގެން ނޫން ކަމަށް ވާނަމަ އެވެ.