އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ސަމަދުބެއަށް އަމާޒުކޮށް ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ މަލާމާތްކުރުމުން ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް ހާޒިކުރުވަން އިދިކޮޅުން ނިންމައިފި އެވެ.
ޖަލްސާގައި މާރިޔާ ވަނީ ސަމަދުއަށް އިންޑިއާގަ އާއި ރާއްޖެ އައިސް ކަން ހިނގައިދިޔަ ގޮތް ކިޔައިދެއްވައި ޖޯކު ޖައްސަވާފަ އެވެ.
"އަޅުގަނޑުމެންނަށް ފެނުނީ މޫނުގަ އަތް އަޅުއްވައި, އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތި ކުރެއްވުނު ހެން. ކޮންމެއަކަސް ވިދާޅުވީ މުޅި އުމުރު ތިމަންނާ ހޭދަކުރީ ފުލުހުންނާއި ސިފައިންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން ކުރީގައި ޖަޑިބެއްހެން ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ، އިމިގްރޭޝަނުގެ ފިނި ކޮޓަރިއެއްގައި. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތި ކުރައްވަމުން،" ސަމަދުބެ އަށް މަލާމާތްކުރައްވަމުން މާރިއާ ވިދާޅުވި އެވެ.
މިނިސްޓަރު މާރިޔާގެ މި އަމަލާއި ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ޓްވީޓް ކުރައްވާފައިވާއިރު، އޭނާ ވިދާޅުވީ، ސަމަދުބެ އަކީ ދިވެހި ސަލާމަތީ ޚިދުމަތްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވައި ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ.
ހަމައެހެންމެ އެފަދަ ދިވެހި ދަރިއަކާ މެދު ޑިފެންސް މިނިސްޓަރު ގެންގުޅުއްވި ދަށު ދަރަޖައިގެ ބަސްމަގަށް ޖަބާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް އެކަމަނާ ހާޒިރުކުރުވާނެކަމަށް އޭނާ ވިދާޅުވި އެވެ.
ސަމަދުބެ އަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ބައިވެރިވެ އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ.
ފެބްރުއަރީ 11، ގައި އޭނާ ބެންގަލޫރުގައި ހުއްޓައި އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭގެ އެއް ދުވަސްފަހުން އޭނާވަނީ ޑީޕޯޓު ކޮށްފަ އެވެ.