އެހެން ގައުމުތަކުގައި ދިވެހީންނަށް ދިމާވާ ފުރައްސާރަ އާއި ޖެއްސުން ދިފާއުވާ ގޮތަށް ސަރުކާރުގެ އިސްވެރީން ވާހަކަ ދެއްކުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ މިހެން ވިދާޅުވީ، ރޭ ކާނިވާ ސަރަހައްދުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސަގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

މާރިޔާ ވަނީ ރޭގެ ޖަލްސާގައި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް އަބްދުއްސަމަދު ބޭސް ފަރުވާއަށް އާއިލާއާއެކު އިންޑިއާގެ ބެންގަލޫރަށް ގޮސް ހުއްޓާ އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ޑީޕޯޓް ކޮށްލުމާ ގުޅިގެން އެކަމަށް ޖޯކު ޖަހައިފަ އެވެ.

މާރިޔާ ވިދާޅުވީ މިލިޓަރީ ކީއްކުރަންތޯ، އިމިގްރޭޝަނުގެ ފިނި ކޮޓަރިއެއްގައި ހުންނަވާފައި އައިކަމުގައި ވިޔަސް އަނބުރާ ރާއްޖެ ވަޑައިގެންނެވީ ކީރިތި ކުރައްވަމުން ކަމަށެވެ. އަދި މިހާރު ސިފައިން ތަމްރީނު ކުރަނީ އެހާ ފިނޑި ބައެއްގެ ގޮތުގައި ނޫން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

މާރިޔާގެ މިވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރަގެ މެމްބަރު ވިދާޅުވީ ބޭސްފަރުވާއަށް އަަވައްޓެރި ގައުމުތަކަށް ދާން ނުޖެހޭ މިންވަރަށް ރާއްޖޭގެ ސިއްހީ ނިޒާމް ތަރައްގީނުކޮށް ތިބެ، ދިވެހިންނަށް އެ ގައުމުތަކުގައި ދިމާވާ ފުރައްސާރައާއި ޖެއްސުން ދިފާއުވާ ފަދަ ގޮތަކަށް މި ސަރުކާރުގެ އިސްވެރިން ވާހަކަ ދެއްކުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ.

އަދި މިފަދަ ސަރުކާރުގެ އިސް މަގާމެއްގަިއ ހުންނެވި ބޭފުޅަކު ދިވެހިން ދިފާއުނުކޮށް ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އަދި މާރިޔާ އަކީ ކޮންބައެއްގެ ދިފާއީ ވަޒީރެއްތޯ އަލީ ހުސައިން ވަނީ ސުވާލު ކުރައްވާފައި އެވެ.

މާރިޔާގެ މިވާހަކަތަކަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވާން ފެށުމުން މާރިޔާ ވަނީ އެވާހަކަތައް ދިފާއު ކުރައްވާ ވާހަކަ ދައްކަވާފައި އެވެ.