ތިލަފުށީގައި ހުރި އެމްޑަބްލިއުއެސްސީގެ ފެން ރައްކާކުރާ ޓޭންކު ފަޅައިގެން ދިޔުމުން ސަބަބުން އެ ރަށަށް ފެން ނުލިބޭ މައްސަލަ ހައްލުކޮށް، ވަރަށް އަވަހަށް ފެން ފޯރުކޮށްދެވޭނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ ތިލަފުށްޓަށް ފެނުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ފެން ޓޭންކެއް ފަޅައިގެން ދިއުމުން ތިލަފުށްޓަށް ފެން ލިބުމުގައި ކޮންމެ ވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ތިލަފުށީގެ ޑިސްޓްރިބިއުޝަން ސިސްޓަމްގައި ހިމެނޭ ފެން ރައްކާކުރާ ތާނގީ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއްގެ ތެރޭގައި ތާނގީ ސްޓްރަކްޗާއަށާއި ތާނގީއަށް ގުޅާފައިވާ ފެން އަޅާ ހޮޅިއަށް ގެއްލުން ލިބިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އެހެން ނަމަވެސް އެމައްސަލަ ހައްލުކޮށް މިއަދުގެ ވަގުތެއްގައި ފެން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
ސިނާއީ މަސައްކަތްކުރާ ތިލަފުށީގެ އިތުރުން، މާލެ ސަރަހައްދުގެ ހުރިހާ ރަށެއްގައި ސަޕްލައި ފެނުގެ ހިދުމަތް ދެނީ އެމްޑަބްލިއުއެސްސީންނެވެ.
އެމްޑަބްލިއުއެސްސީ އިން އަންނަނީ އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ކޮލިޓީ ހިދުމަތެއް ދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.