މާލޭ މަގުމަތީގައި ސަލާން ޖަހަން އުޅުނު ޖަޕާންގެ އަންހެން މީހާ އިމިގްރޭޝަނުން ދޫކޮށްލައިފި އެވެ.

މާލޭ މަގުމަތީގައި ސަލާންޖަހަން އުޅޭ ޖަޕާން އަންހެނެއްގެ މައުލޫމާތު ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް އެއިދާރާއިން ބުނެފައިވެ އެވެ. އަދި މައުލޫމާތު ސާފުކުރުމަށްފަހު އޭނާ އިމިގްރޭޝަނާއި ހަވާލުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

މި މައްސަލައާ ގުޅިގެން އިމިގްރޭޝަނުގެ އޮފިޝަލަކު ވިދާޅުވީ، އޭނާއާ ގުޅޭ ބައެއް ކަންތައްތައް ބަލަންޖެހޭތީ، އެކަންކަން ބަލަނީ އޭނާ ދޫކޮށްލާފައި ބަހައްޓައިގެން ކަމަށެވެ. އަދި އޭނާ އަނބުރާ ގައުމަށް ފޮނުވާލާނީ މައްސަލަ ބަލައި ނިންމުމުން ކަމުގައި އޮފިޝަލު ވިދާޅުވި އެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުގައި އެއަންހެން މީހާ ސަލާންޖެހީ ކާއެއްޗެއް ގަތުމަށް ފައިސާއެއް ދިނުމަށް އެދި ކަމަށެވެ.

އެހެންނަމަވެސް ގިނަ މީހުން ބުނާގޮތުގައި އެ ބިދޭސީ މީހާއަކީ ދިވެއްސަކާ އިނދެގެން އުޅުނު އަންހެނެކެވެ. އަދި އޭނާގެ ފަރާތުން އެއްވެސް އެއްޗެއް ނުލިބޭތީ އެހީއަށް އެދެނީ ކަމަށް އާންމުން ސޯޝަލްމީޑިއާގައި ބުނެ އެވެ.