ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭ މުސާރައިގެ ކުރިއެރުމުގެ އެލަވަންސް ނުދޭން ނިންމައިފި އެވެ.
ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 2014 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު މުސާރައިގެ ކުރިއެރުން ދެ އެވެ. އެހެން ނަމަވެސް ބަޖެޓު ނުލިބޭތީ 2017 ވަނަ އަހަރުން ފެށީގެން އެ އިނާޔަތް ދިނުން ވަނީ ހުއްޓާލާފައި އެވެ.
ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ގަވާއިދަށް ބަދަލު ގެނެސް ކޮންމެ ދެ އަހަރުން އެއް އަހަރު މުސާރައިގެ ކުރިއެރުން ދޭ ގޮތަށް އޮންނަ ބައި އުނިކޮށް ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑް މިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ސާކިއުލާ އެއް ނެރިފައި އެވެ.
މިދިޔަ ފަސް އަހަރު މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ނުދީ ހުރި ފައިސާ ހޯދަން މުވައްޒަފުންތަކެއްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ވަނީ ހުށަހަޅަފައި އެވެ. އެހެެންނަމަވެސް އެކަމަށް ބަޖެޓް ލިބިފައި ނުވާތީ އެ ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށް ޓްރައިބިއުނަލުން ވަނީ ނިންމާފައި އެވެ.
މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ދެމުން އައީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 70 އިންސައްތަ އަށް ވުރެ މަތިން މާކްސް ލިބޭ މުވައްޒަފުންގެ މުސާރައަށް ދެ އަހަރުން އެއް އަހަރު 200ރ. ގެއެވެ.
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައި ވަނީ އެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެއެރުން ނުދެވި އޮތީ ދައުލަތުން ބަޖެޓު ނުދީ އޮތުމުން ކަމަށާ، އެހެންވީމާ ދައުލަތުން ބަޖެޓު ހަމަޖައްސާދީފައި ނުވަނީސް އެ ފައިސާ ދިނުމަކީ މާލިއްޔަތު ގަވާއިދާ ޚިލާފް ކަމެއް ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ވެ އެވެ.