އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކޮށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި ރައީސް އަބްދުﷲ ޔާމީން އާއި އިތުރު ބަޔަކު ހިމެނޭހެން ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުންތައް އަވަސް އަރުވާލައިގެން "ފަޓާސް" ބަރިއެއްހެން ކުރިއަށް ގެންދަތީ އެމަނިކުފާނުގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފުއްގިރި ކުއްޔަށް ދިނުމަށްފަހު ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ދައުލަތުން ދައުވާ ކުރަނީ ކުރީގެ ރައީސް ޔާމީން އާއި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ. އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާ އެވެ.

މިއަދުގެ ޝަރީއަތުގައި ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ގާޒީ ނަދީމު ނިންމާފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ. އެގޮތުން އެގޮތުން އަންނަ މަހުގެ ނުވަވަނަ ދުވަހު ސަން ކުންފުނީގެ އަޑުއެހުންތައް ބޭއްވުމަށާއި، 12 ވަނަ ދުވަހު ކްރިކް ރިޒާގެ އަޑުއެހުންތައް ބޭއްވުމަށާއި އަދި 13 ވަނަ ދުވަހު ރައީސް ޔާމީންގެ އަޑުއެހުންތައް ބޭއްވުމަށް ވަނީ ނިންމަވާފަ އެވެ.

މީގެ އިތުރުން އަންނަ މަހުގެ 16، 20، 22، 26، 27، 28، 29 އަދި 30 ގައި ހެކިބަސް ނެގުމަށް އަޑުއެހުންތަކެއް ބޭއްވުމަށް ވެސް ގާޒީ ނަދީމު ވަނީ ތާވަލްކޮށްފަ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވީ ޔާމީންގެ އެހެން މައްސަލައެއް ހައިކޯޓުގައި ވެސް އޮތް އިރު މިމައްސަލައިގެ އަޑުއެހުން ކޮންމެ ދުވަހަކު ބޭއްވުމުން މައްސަލައަށް ތައްޔާރުވާން ފުރުސަތު ނުލިބޭނެ ކަމަށެވެ. އަދި ވަކީލުންނަށް އެކަމުގެ ތަކުލީފު ބޮޑުވާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

އަދި މައްސަލައަށް ތައްޔާރުވާން ފުރުސަތު ލިބޭ ގޮތަށް އަޑު އެހުންތައް ތާވަލް ކޮށްދެއްވުމަށް ޑރ. ޖަމީލް ވަނީ އެދިވަޑައިގެންފަ އެވެ. އަވަސްކޮށްގެން ޝަރީއަތް ކުރިއަށްގެންދާއިރު ގެއްލޭ ހައްގުތަކެއް ވާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ކްރިކް ރިޒާގެ ވަކީލު ހަމްޒާ ލަތީފު ވެސް އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި އެވެ.

ހަމްޒާ ލަތީފް ވިދާޅުވީ ގާޒީ އަލީ ނަދީމްގެ ސެކްޝަނުގައި ނުނިމި ގިނަ މައްސަލަތަކެއް ހުއްޓާ ފުއްގިރީގެ މައްސަލަ އަވަސްއަރުވާލައިގެން ގެންދާ ނަމަ އާންމުންގެ މެދުގައި އިންސާފުވެރިކަމާ މެދު ސުވާލު އުފެދިދާނެ ކަމަށެވެ.

އަޑުއެހުންތައް ޖެހިޖެހިގެން ކުރިއަށް ގެންދާ އިރު ތައްޔާރުވާންށާއި އަދި ދަތުރު ކުރަން ދަތިވެދާނެތީ ދަތުރުކުރަން ދަތިވެދާނެތީ، މާފުށީ ޖަލުގައި ހުންނަވައިގެން އޮންލައިންކޮށް އަޑުއެހުންތަކުގައި ޔާމީން އަށް ބައިވެރިވެވަޑައިގެންނެވޭނެ ކަމަށް ގާޒީ ނަދީމް ވަނީ ވިދާޅުވެފައި އެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ ފަރާތުން ވަނީ އަޑު އެހުންތައް ލައިވްކޮށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ. އެހެން ނަމަވެސް އަޑުއެހުންތައް ލައިވް ކޮށްގެން ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ގާޒީ ނަދީމް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.