ދައުލަތުން ނަގާފައިވާ ދަރަނި ރީސްޓްރަކްޗާ ކުރުމާއި އެ ދަރަނި އަދާ ކުރުމާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް ހޫނުވެ، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ގެ ނަން އިއްވައި މަޖިލީހުން ބޭރުކޮށްފި އެވެ.
އީވާ ހުށަހެޅުއްވި ގަރަރަކީ ވޭތުވެ ދިޔަ ދިހަ އަހަރު ސަރުކާރުން ނަގާފައިވާ ދަރަނި ދެއްކުމާއި ދަރަނި ރީސްޓްރަކްޗާ ކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހަޅުއްވާފައިވާ ގަރަރެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ޔައުގޫބު މަޖިލީހުގެ ތަޅަމުން ބޭރުކޮސްފައި ވަނީ މިގަރާރަށް ބަހުސް ކުރެއްވި އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ދެއްކެވި ވާހަކަތަކާ ގުޅިގެން ރައްދުދެއްވާ ހިތްހަމަނުޖެހުން ފާޅުކުރެއްވުމުންނެވެ.
ގަރާރަށް ބަހުސް ކުރައްވަމުން އިލްޔާސް ވިދާޅުވީ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، މިހާރު ކިރު ދަޅަކުން އަގު ބޮޑުވިވަރު ރައްޔިތުންނަށް އެނގޭ ކަމަށް ވިދާޅުވެ، އިލިޔާސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފަޑު ވިދާޅުވެފައި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ އިލްޔާސް ވާހަކަ ކުރިއަށް ގެންދެވިއިރު ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް ގެންދެވީ އެ ވާހަކަތަކަށް ރައްދުދީ އަޑުގަދަ ކުރަމުންނެވެ.
ޔައުގޫބް މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރައްވަމުން ގެންދަވާތީ މަޖިލީހުގެ ރައީސް ވަނީ އިލިޔާސްގެ ވާހަކަފުޅު ހުއްޓުވާ އަލުން ފުރުސަތު ދެއްވާފައި އެވެ. އެހެން ނަމަވެސް ޔައުގޫބް އަޑުގަދަ ކުރުން ނުހުއްޓުމުން މަޖިލީހުގެ ރައީސް ވަނީ ޔައުގޫބުގެ ނަން އިއްވާ މަޖިލީހުގެ ތަޅަމުން ބޭރު ކޮށްފައި އެވެ.
ޔައުގޫބުގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ ވެސް ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވައިފަ އެވެ. އަދި އެކަންކަން ތަކުރަރު ނުކުރުމަށް މަޖިލީހުގެ ރައީސް ތަކުރަރުކޮށް އަންގަވާފައިވެ އެވެ.