ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް މީހުން ދިރިއުޅެން ފެށި ހިޔާގެ ފްލެޓްތަކުގައި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެޗްޑީސީން ހިންގާފައިވާ އިންސްޕެކްޝަންތަކުގައި އެ ކުންފުނީގެ އުސޫލުތަކާއި ގަވައިދުތަކާ ހިލާފު ގިނަ ކަންތައްތަކެއް ފާހަގަކުރެވެމުންދާ ކަމަށެވެ.

"ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓްތަކަކީ އެއްމެ ބޮޑު އެއް އަބާދީއެއް އެއް ސަރަހައްދެއްގައި ދިރިއުޅެމުން ގެންދާ ސަރަހައްދު. އެހެންކަމުން، މި ފުލެޓްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ރައްކާތެރިކަމަށާއި، ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ފަސޭހައަށް ގިނަ އުސޫލުތަކަކާއި ގަވައިދުތަކެއް މި ކޯޕަރޭޝަންގެ ފަރާތުން ވަނީ ކަނޑައަޅާފައި،" އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ އެތަނުގައި ފިނިޝިންގެ މަސައްކަތްތައް ކުރުމުގައި އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން އިމާރާތުގެ ސްޓަރަކްޗާއަށް ގެއްލުން ވާ ފަދަ ޓޫލްތައް ނުވަތަ އެކަހަލަ މަސައްކަތް ކުރުން ވަނީ މަނާކޮށްފައިވާ ކަމަށާއި ހަމަ އެފަދައިން އިމާރާތް ބޭނުން ކުރުމުގައި ވެސް އެހެން ފަރާތްތަކަށް އުނދަގޫ ނުވާނޭ ގޮތަށް އިމާރާތް ބޭނުން ކުރުމަށް ވަނީ އުސޫލުތަކެއް ހެދިފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ. މިގޮތުން، ވިޔަފާރި ކުރުމަށް ކޮމާޝަލް އޭރިއާއެއްގެ ގޮތުގައި ކޮންމެ ޓަވަރެއްގެ ވެސް ގްރައުންޑް ފްލޯ ކަނޑައެޅިފައިވެ އެވެ.

ހިޔާ ފްލެޓެއްގެ ބެލްކަނީ ބަޔަކު ގަސްމުށިތަކެއް ބަހައްޓާފައި. ފޮޓޯ: އެޗްޑީސީ

"ނަމަވެސް، އެކި ފަހަރު މަތިން މި ކޯޕަރޭޝަންގެ ފަރާތުން ހިންގާފައިވާ އިންސްޕެކްޝަންތަކުގައި މި އުސޫލުތަކާއި ގަވައިދުތަކާއި ހިލާފު ގިނަ ކަންތައްތަކެއް ދަނީ ފާހަގަކުރެވެމުން. މިގޮތުން، ބައެއް އެޕާޓްމަންޓްތަކުގައި ވަޑާން މަސައްކަތް ކުރުން، އެކި ވިޔަފާރިތަކަށް ޔުނިޓްތަކުގެ ބޭނުން ކުރުން. ގިނަ އަދަދެއްގެ ކުނި އެޕާޓްމަންޓުގެ ބޭރުގައި ބެހެއްޓުން އަދި ބެލްކަނިން ބޭރަށް ވާގޮތަށް ސްޓްރަކްޗާއަށް ބަދަލު ގެނެސް ގަސް މުށި ފަދަ ތަކެތި ބެހެއްޓުން ފަދަ ކަންކަން ވަނީ މި އިންސްޕެކްޝަންތަކުން ފާހަގަކުރެވިފައިވޭ،" އެޗްޑީސީން ބުންޏެވެ.

ހިޔާގެ ފްލެޓެއްގައި ބަޔަކު ވަޑާންގެއެއް ހަދައިގެން މަސައްކަތްކުރަނީ. ފޮޓޯ: އެޗްޑީސީ

އެ ކުންފުނިން ބުނީ މިފަދަ ކަންކަން މަނާ ކުރެވިފައިވަނީ ރައްޔިތުންގެ ފަސޭހަ އާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް ކަމަށް ވާތީ، ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން މިގޮތަށް ފާހަގަކުރެވިފައިވާ އެޕާޓްމަންޓް ޔުނިޓްތައް ވަނީ ޖޫރިމަނާ ކުރެވި، ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި މިހާރު ވެސް މިކަމަށް ހާއްސަ އިންސްޕެކްޝަނެއް ހިޔާ ފުލެޓްތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް އެޗްޑީސީން ބުނެ އެވެ.

ހިޔާ ފްލެޓެއްގެ ބެލްކަނީ ބަޔަކު ގަސްމުށިތަކެއް ބަހައްޓާފައި. ފޮޓޯ: އެޗްޑީސީ

"މި އިންސްޕެކްޝަނުން ފާހަގަވާ ކަންކަމަށް ބަލާ އެކަށީގެންވާ ފިޔަވަޅުތައް ގަވައިދާއި އުސޫލުތަކުގެ ތެރެއިން އަޅަމުންގެންދާނެ. އެޗްޑީސީގެ އަމާޒަކީ ހުޅުމާލެ އަކީ، ރައްޔިތުންނަށް ދިރިއުޅެން ފަސޭހަ، ރައްކާތެރި ވެއްޓެއް ގާއިމު ކުރެވިފައިވާ ރަށަކަށް ހެދުން. އަދި މިކަން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން މުހިއްމު،" އެ ކުންފުނިން ބުނެ އެވެ.