ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑީވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ތާއިދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދިނުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ އެމްޑީއޭއިން ރައީސް ސޯލިހަށް ތާއީދު ކުރުމަށް ނިންމާފައި މިވަނީ އެ ޕާޓީގެ ގައުމީ މަޖްލިސް އިން އެގޮތަށް ފާސްވުމުންނެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ސިޔާމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ނިންމައިފަ އެވެ.

އެމްޑީއޭގެ ކޮންގްރެސްގައި މިއަދު ނެގި ވޯޓުގައި ބައިވެރިވީ 36 މެމްބަރުންގެ ތެރެއިން ތެރެއިން، ރައީސް ސޯލިހަށް ތާއީދު ކުރަން 34 މެމްބަރުން ވޯޓު ދެއްވިއިރު އެކަމާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.

އެމްޑީއޭއާއެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށް، އެމްޑީޕީން އިއްޔެ ވަނީ އެ ޕާޓީއާއެކު މަޝްވަރާކޮށްފަ އެވެ.

އެމްޑީޕީއާއެކު މަޝްވަރާކުރިއިރު، އެމްޑީއޭއިން ވަނީ އިދިކޮޅު ޕީޕީއެމް / ޕީއެންސީ އާއެކު ވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.