ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަނީ ޖުމްހޫރީ ޕާޓީ އާއެކު ކަމަށާއި އެހެން ނަމަވެސް ޖުމްހޫރީ ޕާޓީ ވަނީ "ކަނދިކަމަނާގެ މަސްތެލުމަށް" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓިގެ ހަތަރު ވަނަ ކޮންގްރެސް ފެށުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަނީ ޖުމްހޫރީ ޕާޓީ އޮވެގެން ޖުމްހޫރީ ޕާޓީ އިން އެތައް މަސައްކަތްތަކަކާއި ގުރުބާނީތަކެއް ވެގެން ކަމަށެވެ. އެހެން ނަމަވެސް ވޭތުވެ ދިޔަ ތިން ސަރުކާރުގައި ވެސް ވެރިކަމަށް އައުމަށް ފަހު ޖޭޕީގެ މާބޮޑު ބާރެއް ސަރުކާރުގައި ނޯންނަ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މި ސަރުކާރުގައި ވެސް އެންމެ ހިންގުންތެރި ވަޒީރުންނަކީ ޖޭޕީއަށް ނިސްބަތްވާ ވަޒީރުން ކަމަށެވެ.

ގާސިމް ވިދާޅުވީ ޖޭޕީއާއެކު ކޯލިޝަން ނުހެދި ނަމަ އެ ޕާޓީތަކުގެ ސަރުކާރެއް ވުޖޫދެއް ނުވީސް ކަމަށެވެ. އަދި އޭރުވެސް މިހާރު ވެސް ހިގަމުން އަންނަ ސަރުކާރުގައި ވެސް ރަނގަޅު ކަންކަން ޖޫމްހޫރީ ޕާޓީއަށް ނިސްބަތް ވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ހިތާމައަކީ ސަރުކާރު އެކުލަވާލުމަށް ފަހު ސަރުކާރުން ހާސިލްކުރާ ރަނގަޅު ކަންކަން ޖުމްހޫރީ ޕާޓީއަށް ނިސްބަތް ކުރުމަށް ބައެއް ފަރާތްތަކުން ޖެހިލުންވާ ކަމަށެވެ.

"މިކަންކަން ދާނީ ގިނަފަހަރަށް ދިވެހި ބަހުގައި ބުނެ އުޅޭ ކަނދި ކަމަނާގެ މަސްތެލުން ފަދަ ކަމަކަށް،" ގާސިމް ވިދާޅުވި އެވެ.

މިފަދަ ހަގީގަތް ތަކަކީ އާ ކަންކަން ނޫން ކަމަށާ މިއީ 2008 ން ފެށިގެން ޖޭޕީ ތަޖުރިބާ ކުރަމުން އަންނަ ކަންކަން ކަމަށް ގާސިމް ވިދާޅުވި އެވެ.