ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް އެ ޕާޓީގެ ލީޑަރުގެ މަގާމުގައި ކުރިން ވެސް ހުންނެވި ގާސިމް އިބްރާހިމް އަނެއްކާ ވެސް ހޮވިއްޖެ އެވެ.
ޖޭޕީގެ ލީޑަރުގެ މަގާމަށް ގާސިމް ހޮވިވަޑައިގަތްކަން އިއުލާން ކުރީ އެ ޕާޓިގެ ހަތަރު ވަނަ ކޮންގްރެސްގެ މިއަދުގެ ފުރަތަމަ ދަންފަޅީގައި އެވެ.
މިއަދުގެ ފުރަތަމަ ދަންފަޅި ފެށުމަށް ފަހު ވަނީ ގާސިމް ޖޭޕީގެ ލީޑަރުގެ މަގާމަށް ހޮވުނުކަން އިއުލާން ކޮށްފަ އެވެ.
ޖޭޕީގެ ލީޑަރުގެ މަގާމަށް ގާސިމްގެ އިތުރުން އެހެން އެއްވެސް މީހަކު ކުރިމަތިލައްވާފައި ނުވާތީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ޕާޓީގެ ލީޑަރުގެ މަގާމަށް ގާސިމް ވަނީ އިންތިހާބުވެ ވަޑައިގެންފައިވާ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.
ގާސިމްއަކީ މީގެ 15 އަހަރު ކުރިން ޖޭޕީ އުފުދުނިއްސުރެ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނަވާ ބޭފުޅާ އެވެ. މީގެ ކުރިން ވެސް ޖޭޕީގެ ލީޑަރުގެ މަގާމަށް އެހެން ބޭފުޅަކު ކުރިމަތި ނުލައްވަ އެވެ.
ޖޭޕީގެ ކޮންގްރެސް ގައި އެންމެ ވާދަ ވެރިކަން ބޮޑީ ޕާޓީގެ ނައިބު ލީޑަރުގެ މަގާމާއި ކައުންސިލްގެ މަގާމުތަކަށެވެ.
މީގެ އިތުރުން މިއަދު ވަނީ ޖޭޕީގެ މަގާމުތަކަށް އިންތިހާބަކާ ނުލާ ހޮވޭ ބޭފުޅުންގެ ނަންތައްވެސް އިއުލާން ކޮށްފައި އެވެ. އެގޮތުން ޒުވާނުންގެ ލީގުގެ ރައީސްގެ މަގާމަށް ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދު ނ. ވެލިދޫ، ޒުވާނުންގެ ލީގުގެ ނައިބު ރައީސްކަމުގެ މަގާމަށް ޝުއައިބު ޝިފާޒް ޝަރީފް، ކ. މާލެ އަދި އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ މަގާމަށް އައިޝަތު ޝޫޒާ އަހުމަދު ވަނީ އިންތިހާބުކޮށްފަ އެވެ.