އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހަށް ދިވެހިރާއްޖެ އިންތިހާބުވެއްޖެ އެވެ.
މިއީ ދިވެހި ރާއްޖެއިން އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހަށް އިންތިހާބުވި ތިން ވަނަ ފަހަރެވެ.
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ މާދަމާ ބާއްވާ އދގެ އިންސާނީ ހައްގުތަކާއިބެހޭ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގައި މެންބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެ ބައިވެރިވާނެ ކަމަށެވެ.
މި އަހަރަށް ހޮވިފައިވާ އެއް ނައިބު ރައީސް އަކީވެސް ރާއްޖެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި 2006ވަނަ އަހަރު އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލިސް އުފެދުނީންސުރެ ރާއްޖެއަކީ އެމަޖިލީހުގައި ހިނގާ މުހިންމު ކަންކަމުގައި މަސްއޫލުވެ އިންސާނީ ހައްގުތަކާބެހޭ އެކި ކަންކަމުގައި ވަކާލާތުކުރަމުން އަންނަ ގައުމެއްކަމަށްވެސް ޝަހިދު ވިދާޅުވި އެވެ.
ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއްކަމުގައިވިޔަސް އަބަދުވެސް ރާއްޖެ މިދަނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި މިމަޖިލީހަށް ދެވެންއޮތް އެއްބާރުލުން ދެމުންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިންސާނީ ހައްގުތަކާއިބެހޭ މަޖިލީހުގެ ހައި ލެވެލް ސެގްމަންޓްގައި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ތަގުރީރު ކުރައްވާނެ އެވެ. ޝާހިދުގެ ތަގުރީގުގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި އދ.ގެ މަޖިލީހަށް ރާއްޖެއިން އެހީތެރިކަން ދިނުމުގައި ދެމިއޮތުމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަދައްކަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 52 ވަނަ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.