ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ހޮވުނު 25 ބޭފުޅުން ނާއި ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުންނަށް ހޮވުނު ބޭފުޅުންގެ ނަންތައް އިއުލާންކޮށްފި އެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުންނަށް އެކަމުގެ ފަތްކޮޅު އަރުވާފައިއެވެ. އެގޮތުން ގާސިމްގެ ސްޕެޝަލް އެޑްވައިޒަރަކަށް ހޮވިވަޑައިގެންފައިވަނީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އެވެ. އަދި އެޑްވައިޒަރުންގެ ގޮތުގައި އަހުމަދު އިލްހާމް އާއި ރިޔާޒް ރަޝީދު ވަނީ ހޮވިވަޑައިގެންފަ އެވެ.
މީގެ އިތުރުން އައު ކައުންސިލަށް ހޮވުނު 25 ބޭފުޅުންގެ ނަންތައް ވަނީ އުލާންކޮށްފައި އެވެ.
ޖުމްހޫރީ ޕާޓީން އަލަށް އުކުލަވާލި ކައުންސިލަށް ވަނީ ބޮޑޫ ޒިންމާއެއް މަތިވެފަ އެވެ. އެއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީ އިން އަމަލުކުރާނެ ގޮތަކާމެދު ގޮތެއް ނިންމުމެވެ.
ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބުގައި ވާދަކުރުން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ނިކުތުމަށް އެދި ގަރާރު ހުށާހަޅާފައި ވަނީ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އެވެ.
މި ގަރާރު ފާސްކޮށްފައި ވަނީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ އެޕާޓީގެ ހަތަރު ވަނަ ކޮންގްރެސް ގައި އެވެ. އަދި މިގޮތަށް ގަރާރު ފާސް ކޮށްފައި ވަނީ ކޮންގްރެސްގެ އިއްތިފާގުންނެވެ.
މިރޭގެ ރަސްމިއްޔާތުގައި މިއަދު ޖޭޕީގެ ނައިބު ރައީސުންގެ މަގާމަށް ހޮވިވަޑައިގެންނެވި ބޭފުޅުންގެ ނަްފުޅުތައްވެސް ވަނީ ރަސްމީކޮށް އިއުލާން ކުރައްވާފައިވެ އެވެ. އަދި ކުރިއަށް އޮތް ދައުރަށް ޖޭޕީގެ ޒުވާނުންގެ ލީގުގެ އިސް މަގާމުތަކާއި މެމްބަރުކަމަށް އިންތިހާބުވި ބޭފުޅުންވެސް އިއުލާންކޮށްފަ އެވެ.
ޒުވާނުންގެ ލީގުގެ ރައީސަކަށް ހޮވިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދު އެވެ. އަދި ނައިބު ރައީސަކަށް ހޮވިވަޑައިގަތީ ޝުއައިބު ޝިފާޒް އެވެ. އެ ދެ ބޭފުޅުން އިންތިހާބަކާ ނުލާ އެމަގާމުތަކަށް ހޮވިވަޑައިގަތީ އިތުރު މީހަކު އެމަގާމަށް ކުރިމަތިލާފައި ނުވާތީ އެވެ.
ޒުވާނުންގެ ލީގަށް ސެކްރެޓަރީގެ އިތުރުން ދެ މެމްބަރުންވަނީ އިންތިހާބުކޮށްފައި އެވެ. މިއިންތިހާބު ބޭއްވީ ޖޭޕީގެ ގައުމީ ކޮންފަރެންސް 2023 ގެ ތެރެއިންނެވެ.