"ޑްރާމާ ކްއީން" ގެ ގޮތުގައި މަޝްހޫރުވެފައިވާ ނެށުންތެރިޔާ އަދި ބޮލީވުޑް ތަރި ރާކީ ސާވަންތު އޭނާގެ އަމިއްލަ މޫނުމަތީ ޖަހައިފި އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ރާކީ، ވިޔަފާރިވެރިޔާ އާދިލްއާ، ކައިވެނިކުރި ހަބަރު ފެތުރިފައިވީނަމަވެސް އެކައިވެނި މިހާރު ވަނީ ރޫޅިފަ އެވެ.

ހަމައެހެންމެ ކައިވެނި ރޫޅުމާ އެކު ރާކީ ދަނީ އާދިލްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އަދި އާދިލްގެ މައްސަލަ ރާކީ ވަނީ ފުލުހުންނަށްވެސް ހުށަހަޅާފަ އެވެ.

މިކަމާއި ގުޅިގެން މީޑިއާތަކަށް އިންޓަވިއުދޭ ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯތަކުގައި ރާކީ ވަނީ ރުއިމުގެ ތެރެއިން އޭނާގެ އަމިއްލަ މޫނުމަތީ އެތައް ފަހަރަކު ޖަހާފަ އެވެ. އަދި އާދިލްއާ ކައިވެނި ކުރެވުނީތީ ހިތާމަކުރާކަމަށް އޭނާ ބުނެފައިވެ އެވެ.

ރާކީ ބުނިގޮތުގައި ކައިވެނި ސަލާމަތްކުރަން އޭނާ އެތައް މަސައްކަތެއް ކުރި އެވެ. އެގޮތުން ދީން ބަދަލުކޮށް، އާދިލް އެދުނު ފަދައިން ވަގުތުން ވަގުތައް ނަމާދުކުރުމާއި އިސްލާމް ދީނުގެ އުސޫލްތަކަށް ބޯލަނބާފައިވާނެކަމަށް އޭނާ ބުނެފައިވެ އެވެ.

ރާކީ ބުނިގޮތުގައި އެއިން އެއްވެސް ކަމަކީ ރާކީ މަޖުބޫރުވެގެން ކުރި ކަމެއް ނޫނެވެ. އަދި އެހުރިހާ ކަމެއްވެސް އޭނާ ކުރީ ލޯތްބައްޓަކައި ހިތުން ރުހުމުން ކަމަށް ރާކީ ބުންޏެވެ.

ރާކީ އާއި އާދިލް ސިއްރުން ކައިވެނި ކުރި ނަމަވެސް، މީޑިއާތަކުން ވަނީ އެމީހުންގެ ކައިވެނި ފަޅާއަރުވާލާފަ އެވެ.

މި މައްސަލަތަކުގެ ތެރޭގައި އުޅެނިކޮށް، ރާކީގެ މަންމަ ވެސް ވަނީ މަރުވެފަ އެވެ. ރާކީ ބުނީ އޭނާގެ މަންމަ ވެސް މަރުވީ އާދިލްގެ އުޅުން ހުރިގޮތުން ކަމަށެވެ. އަދި ރާކީ ވަނީ އޭނާއަށް އާދިލް ބޭވަފާތެރިވެފައިވާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.