ބީއެމްއެލް ކަސްޓަމަރުންގެ އެކައުންޓުގައި ހުންނަ ފައިސާ ވާނުވާއެއް ނޭނގި ގެއްލެނީ ބެންކުގެ އިހުމާލަމުން ނޫން ކަމަށާއި، އެއީ ކަސްޓަމަރުންގެ ފަރުވާކުޑަކަމުން ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝަރީފު މިފަދައިން ވިދާޅުވީ ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓްގައިވާ ފައިސާ މީހުންނަށް ނޭނގި ގެއްލޭކަމަށް ގިނަ ބަޔަކު ތުހުމަތު ކުރުމާ ގުޅިގެން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހަޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

މި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 33 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، ނުފެންނަ ކަމަށް ހަތަރު މެމްބަރަކާއި، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ތިއްބެވެ. އެއާއެކު މަޖިލީހުން ވަނީ މި މައްސަލަ ބަލައިގެންފަ އެވެ.

އެގޮތުން ޝަރީފް ވިދާޅުވީ، ސްކޭމްތަކުގައި ފައިސާ ގެއްލޭކަން ގަބޫލުކުރެއްވި ނަމަވެސް، ބީއެމްއެލްއިން ފައިސާ ގެއްލުމުގައި ބެންކުގެ އެއްވެސް އިހުމާލެއް ވާކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އަދި ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ގެއްލެނީ ކަސްޓަމަރުންގެ އަމިއްލަ އިހުމާލުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ފައިސާ ގެއްލެނީ ކަސްޓަމަރުން އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދީ ހުރުމުންނެވެ. އަދި އެކައުންޓުތައް ރައްކާތެރި ނުކޮށް، ލިންކުތަކަށް ވަނުމުގެ ސަބަބުން އެކައުންޓުން ފައިސާ ގެއްލެނީ ކަމަށާއި، އޭގެ ސަބަބުން ބެންކު ބަދުނާމުވާފަދައިން މައްސަލަ މަޖިލީހަށް ހުށަހެޅުމަކީ ޒިންމާދާރު ކުޑަ ހުތުރުކަން ބޮޑު އަމަލެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއީ ބަޔަކު ބީއެމްއެލް ބަދުނާމު ކޮށް، ބެންކާއި މެދު އާންމުންގެ އިތުބާރު ގެއްލުވާލުމަށް ކޮށްގެން އުޅޭ ސިޔާސީ ކަމެއް ކަމަށެވެ.

ބީއެމްއެލް އެކައުންޓުތަކުން ވާނުވާ ނޭނގި ފައިސާ މަދުވާކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހަޅުތާލުކުރަމުންނެވެ. އެގޮތުން "ބީއެމްއެލް ވިކްޓިމްސް" ގެ ނަމުގައި ދިވެހިން ދަނީ ވައިބާ ގްރޫޕްތަކުގައި، އެކައުންޓްތަކުން މަދުވާ ފައިސާގެ އަދަދު ބަލަމުންނެވެ. އެ ގްރޫޕުގައި 6،000 އަށް ވުރެ ގިނަ މީހުން ތިބެ އެވެ.