އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެސްއޯފުން، އެމްއެންޑީއެފްގެ މޭޖާ ނަވީން ޒުބައިރުގެ އެކައުންޓަށް ޖަމާކުރި މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މޭޖާ ނަވީންގެ މައްޗަށް ދައުވާ ކުރަން އޭސީސީން އެދިފައި ވަނީ، ރިޝްވަތު ހިފުމުގެ ދައުވާ އާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދައުވާ އާއި ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމުގެ ދައުވާ އެވެ. އަދި އެމްއެންޑީއެފްގެ އިސް މަގާމެއްގައި ހުރެ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ އެއް ލައްކަ ޑޮލަރު އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީ އަށް އޭސީސީ އިން ވަނީ އަންގާފައިވާ ކަމަށެވެ.

ނަވީންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާއިރު އޭނާ މިވަގުތުވެސް ހުންނެވީ އެމްއެންޑީއެފްގެ އެ މަގާމުގަ އެވެ. އަދި އެސްއޯއެފްއިން އޭނާގެ އެކައުންޓަށް އެއްލައްކަ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގަށް ހާމަވެފައިވާތީ 2019 ވަނަ އަހަރު އޭނާ ސަސްޕެންޑް ކުރި ނަމަވެސް އެގެ ދުވަސް ކޮޅެއް ފަހުން ވަނީ ވަޒީފާއަށް ނިކުންނަން ފަށާފައި އެވެ.