ހަރުކަށި ގަވައިދު ތަކަކާއި އެކު މިދޔަ ހަފްތާ އިއުލާން ކުރި ސްޕާ ހިންގުމުގެ ގަވައިދު އިސްލާހުކޮށް އަލުން އާންމު ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނުގައި ވަނީ އިންޑަސްޓްރިއަލް ވިލެޖް ނުވަތަ އިންޑަސްޓްރިއަލް މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށްތަކާއި ސަރަހައްދުތަކާއި ވިޔަފާރީ އުސޫލުން ދަނޑުވެރިކަމަށް ނުވަތަ މަސްވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުރަށްތަކުގައި ސްޕާގެ ހިދުމަތް ދިނުން ވަނީ މަނާ ކޮށްފައި އެވެ.

އެ ގަވާއިދުގެ ބައެއް މާއްދާތަކުން ފަތުރުވެރިންނަށް ސްޕާ ގެ ހިދުމަތް ދިނުމަށް ރިސޯޓުތަކުގައި އާއި ގެސްޓް ހައުސްތަކުގައި ފަތުރުވެރިންނަށް ބައެއް ހިދުމަތްތައް ވަނީ އިސްތިސްނާ ކޮށްފައި އެވެ.

ކުރީގެ ގަވާއިދުގައި ވާގޮތުންނަމަ މީހުން ދިރިއުޅޭ ރަށްތަކުގައި ހުކުރު ދުވަހު ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށް ސްޕާގެ ހިދުމަތް ދިނުން މަނާކޮށްފައިވީ ނަމަވެސް، ޓޫރިޒަމް ހިދުމަތްދޭ ތަންތަން މިގަޑިތަކުން އިސްތިސްނާކޮށްފައިވެ އެވެ.

މިއަދު ގެނައި އިސްލާހުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ގެސްޓް ހައުސްތަކުގައި ފަތުރުވެރިންނަށް ސްޕާގެ ޚިދުމަތްތައް ވެސް އިސްތިސްނާކޮށްފައިވެ އެވެ.

އަދި އެތަންތަނުގައި ހިދުމަތް ދޭ މުވައްޒަފުންނަކީ އެ ހިދުމަތް ދިނުމަށް ބޭނުންވާ ތައުލީމާއި ތަމްރީނު ލިބިގެންވާ މުވައްޒަފުން ކަން ކަށަވަރު ކުރަންވެސް މިއަދު ގެނައި އިސްލާހުގައި ލާޒިމުކޮށްފައިވެ އެވެ.

ގަވައިދާ ހިލާފަށް އަމަލުކޮށްފިނަމަ 10،000 ރުފިޔާ އިން ޖޫރިމަނާކުރެވޭއިރު ރަޖިސްޓްރީ ނުކޮށް ސްޕާއެއް ހިންގައިފިނަމަ އެތަނެއް 10،000 ރުފިޔާ އިން ޖޫރިމަނާކޮށް ވަގުތުން ތަން ބަންދުކުރުމުގެ ބާރު ކަމާ ގުޅޭ އިދާރާތަކަށް މިގަވައިދުގައި ދީފައިވެ އެވެ.

ސްޕާތައް ހިންގުމަށް ހަރުކަށި ގަވާއިދުތަކެއް ހަދާ އެ ގަވާއިދުގެ ދަށުން އަލުން ރަޖިސްޓްރީ ކުރަން އިކޮނޮމިކް މިނިސްޓްރީން އަންގައި އިއުލާން ކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ގަވާއިދުގައި ވަނީ ސްޕާތަކުން ދޭ ހިދުމަތް ތަކުގެ އިސްތިހާރުކުރުމާއި ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އުސޫލުތަކާ ހިލާފަށް އިޝްތިހާރު ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ސްޕާގައި މަސައްކަތް ކުރާ މުވައްޒަފަކު ވިޔަސް އަމިއްލަ ސޯޝަލް މީޑިއާ ވަސީލަތެއްގައި ވެސް އާންމުކޮށް އިސްތިހާރުކުރުމަކީ މަނާކަމެއް ކަމަށް މި ގަވައިދުގައިވެ އެވެ.

މީގެ އިތުރުން އާންމު މުޖުތަމައުގެ މިންގަނޑުތަކާ ހިލާފަށް އެތަންތަން އިސްތިހާރުކުރުމާއި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގާއި އިޝާރާތައް ބޭނުންކުރުން ނުވަތަ ދެއްކުން އަދި ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަން އިސްތިހާރުކުރުމުގައި އެއްވެސް މީހަކު ދެއްކުމަކީ ގަވައިދުގައިވާ ގޮތުން މަނާކަމެކެވެ.

މިހާރު ހިންގާ މިފަދަ ތަންތަން މި ގަވައިދުގެ ދަށުން 90 ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީކުރަން ޖެހެ އެވެ.