މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕާޓީގެ ތެރެއިން ހުށަހެޅުންތައް އަންނަ ކަމަށާއި ނަމަވެސް އިންތިހާބުގައި ވާދަކުރުމާމެދު މިހާތަނަށް ގޮތެއް ނުނިންމަވާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް އަހުމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ފާރިސް ވާދަކުރުމަށް ގޮވާލައި އެމްއާރުއެމަށް ތާއީދުކުރާ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ދަނީ ކެމްޕޭން ކުރަމުންނެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން އެކަމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.

"ހުރިހާ"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ފާރިސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ ބެހޭ ގޮތުން ހުށަހެޅުންތައް އައި ނަމަވެސް އެކަމާ މެދު ގޮތެއް ނިންމަވާނީ "ވިސްނެވުމަށް ފަހު" ކަމަށެވެ.

"އަޅުގަނޑާ ބައްދަލުކޮށް އިންތިހާބުގައި ވާދަކުރަން ހުށަހެޅުންތަކެއް އައި. އެގޮތަށް ހުށަހެޅުންތައް އެބަހުރި. އެކަމާމެދު ގޮތެއް ނުނިންމާ އޮތީ އެހުށަހެޅުންތަކާމެދު ވިސްނަން ޖެހޭތީ،" އެކަމާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ އެމްއާރުއެމް އިން މިފަހަރުގެ އިންތިހާބުގައި ގެންގުޅޭނެ ސިޔާސަތަކާ މެދު މަޝްވަރާކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އަދި މިވަގުތު ކުރަމުން އަންނަ މަޝްވަރާތަކުގައި ވަކި ބަޔަކާ ކޯލިޝަން ނުހަދާނެ ކަމަށް ބުނާ ބުނުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރޭގައި ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން ނޫސްތަކުގައި ލިޔެފައިވާ ހުރިހާ މައުލޫމާތު ސައްހައެއް ނޫން. އަޅުގަނޑުމެން މި މަޝްވަރާތައް މިދިޔަ ޖެނުއަރީ މަހުން ފެށިގެން ކުރިޔަށް އެބަގެންދަން. އެގޮތުން ރޭ ބޭއްވި ހަތަރު ވަނަ އެކްސްކޯ ބައްދަލުވުން. އޭގެ އިތުރުން އެހެން ކޮމިޓީތަކުގައި ވެސް މަޝްވަރާކުރަމުން ދަނީ،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޭ ބޭއްވި އެކްސްކޯ ބައްދަލުވުމުގައި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމާ ބެހޭ ގޮތުން ފޮނުވި ސިޓީ ހިއްސާކުރެއްވި ކަމަށެވެ. އަދި އެ ސިޓީގައިވާ ކަންތައްތައް ހިއްސާކުރި ނަމަވެސް އެކަމާމެދު އެއްވެސް ގޮތެއް ނުނިންމަވާ ކަމަށް ފާރިސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޝްވަރާކުރީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ގެންގުޅޭނެ ސިޔާސަތު ބެހޭ ގޮތުން. ރޭގަ އިތުރު ކަންތައްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރިން. އެއް ކަމަކީ އެމްއާރުއެމް އިން ވަކިން ކެންޑިޑޭޓެއް ނެރޭނަމަ ޕްރައިމަރީގެ ގަވައީދު އިސްލާހުކުރުމަށްފަހު އަލުން އެކުލަވާލަން ވެސް،" އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ އެ ބައްދަލުވުމުގައި، އެހެން ޕާޓީތަކާއެކު ގުޅިގެން މަސައްކަތްކުރުމުގެ ގަވައިދު ހެދުމާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ ކޯލިޝަން ހަދާ ނަމަ އެކަން ކުރިޔަށް ގެންދާނެ ގޮތްތަކާ ބެހޭ ގޮތުން ގޮތްތަކެއް ހަމަޖެހިފައި އޮންނަން. ކޯލިޝަން ހަދާ ހާލަތުގައި އެއްބަސްވުން ކަށަވަރުކުރުމާ ބެހޭ ގޮތުން ގޮތްތަކެއް ކަނޑައެޅިފައި އޮންނަން ޖެހޭ. ގިނަ ފަހަރަށް މިއޮންނަނީ ތަންފީޒުކުރާ ހަލާތުގައި ކުރިޔަށް ނުގެންދެވިފައި،" ފާރިސް ވިދާޅުވި އެވެ.