ދިވެހިރާއްޖެއިން ފަލަސްތީނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން- ރެޒިޑެންޓް ސަފީރުކަމުގެ ފަތްކޮޅު ފަލަސްތީނުގެ ރައީސް މަހުމޫދް އައްބާސް އަށް އަރުވައި ފިއެވެ.

ރާއްޖެއިން ފަލަސްތީނަށް ކަނޑައެޅުއްވި ނޮންރެސިޓެންޑް ސަފީރަކީ މުހައްމަދު ހަލީލް އެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އުރުދުންގައި ހުންނަ ފަލަސްތީނުގެ އެމްބަސީގަ އެވެ.

އެ ރަސްމިއްޔާތަށް ފަހު ބޭއްވުނު ބައްދަލުވުމުގައި ފަލަސްތީނުގެ ރައީސް، މަހުމޫދު އައްބާސް ވަނީ ސަފީރު ހަލީލަށް މަރުހަބާ ދަންނަވައި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފަ އެވެ.

ސަފީރު ހަލީލުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފަލަސްތީނުގެ ދިފާގައި ރައީސް ސޯލިހުގެ ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ. އަދި ފަލަސްޠީނުގެ ހާލަތަކީ ދިވެހިންގެ ހިތުގައި ހާއްސަ ކަމެއް ދެވިފައިވާ ހާލަތެއްކަން ފާހަގަކުރައްވާފައިވެ އެވެ.

މިނިވަން ފަލަސްތީނެއް ގާއިމުކުރުމަށް ފަލަސްތީނު ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރުން އަބަދުވެސް ކުރަމުންދާ ތާއީދަށާއި މެދުއިރުމަތީގެ އަމަންއަމާންކަން ގާއިމުކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ރައީސް އައްބާސް ފާހަގަކުރެއްވި އެވެ.

ސަފީރު މުހައްމަދު ހަލީލު، ރައީސް މަހުމޫދު އައްބާސްއަށް ފަތްކޮޅުއެރުވުމާއެކު މިއީ ދިވެހިރާއްޖޭގެ ފަރާތުން ސަފީރަކު ފަލަސްތީނުގެ ރައީސަކަށް ފަތްކޮޅު އެރުވި ފުރަތަމަ ފަހަރެވެ. ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 4 އޭޕްރިލް 1982 ގަ އެވެ.