"ކިއްލާ މާލެ" ގެ ނަމުގައި ފޮތެއް ނެރުއްވުމަށް މަސައްކަތް ކުރައްވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ފޮތް ލިޔެ ނިންމައި މިހާރު ޗާޕަށް ދިނުމަށް ތައްޔާރުކޮށްފައިވާ ކަމަށެވެ.

އެ ފޮތަކީ އިހު ޒަމާނުގައި މާލެ އޮތް ގޮތުގެ މައްޗަށް ބިނާކޮށް، އެކުލަވާލާ ފޮތެއް ކަމަށް ރައީސް ނަޝީދު މީޑިއާތަކަށް މައުލޫމާތުދީފައިވެ އެވެ.

އެގޮތުން އެ ފޮތުގައި، މާލޭގައި މީގެ ކުރިން އުޅުނު މީހުންނާއި، މާލެ އޮތް ގޮތުގެ މައްޗަށް އަލިއަޅުވާ ލައްވާފައިވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކާއި މާލެއާ ހުރި ގުޅުމުގެ ވާހަކަ ވެސް މި ފޮތުގައި ހިމަނާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މީގެ ކުރިން ވެސް ފޮތް ލިޔުއްވައި ޝާއިރު ކުރައްވާފައިވާއިރު، އެމަނިކުފާނު އެންމެ ފުރަތަމަ ފޮތެއް ޝާއިއުކުރެއްވީ 1996 ވަނަ އަހަރު އެވެ. އެއީ ސިޔާސީ ކޯޅުންތަކާ ގުޅިގެން ރާއްޖެ އިނގިރޭސި ވިލާތުގެ ހިމާޔަތަށް ދިއުމަށް މެދުވެރިވި ގޮތުގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ފޮތެކެވެ.