ރައީސް ޔާމީނަށް ހުކުމް ކުރި ގާޒީއަށް މަގާމުގެ ކުރިއެރުން ދީ ހައިކޯޓަށް ބަދަލުކުރުމަކީ ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރިވެ، ސަރުކާރުން ބޭނުންވާ ޙުކުމެއް ކުރުމަށް ހިތްވަރު ދިނުން ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަދި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި ގާޒީ އަހްމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖޭއެސްސީ އިން އިއްޔެ ނިންމުމާ ގުޅިގެން ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ ގާޒީ ހައިކޯޓަށް އައްޔަން ކުރަން ނިންމުމަކީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި މަގާމުގެ ކުރިއެރުން ދިނުމަކީ ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރިވެ، ސަރުކާރުން ބޭނުންވާ ހުކުމެއް ކުރުމަށް ހިތްވަރު ދިނުން ކަމަށެވެ.

ރައީސް ޔާމީނަށް ހުކުމް ކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައި ވަނިކޮށް، ދަށު ކޯޓުން ހުކުމް ކުރި ގާޒީއަށް މަގާމުގެ ކުރިއެރުން ދީ މަތީ ކޯޓަށް އައްޔަން ކުރުމަކީ ސަރުކާރުގެ ނުފޫޒު ސިއްރާއި ފާޅުގައި ޖުޑިޝަރީއަށް ފޯރުވާ، ސަރުކާރު ބޭނުންވާ ހުކުމެއް ކުރުމަށް ހިތްވަރު ދިނުން ކަމުގައި ގަބޫލުކުރެވޭ ކަމަށް ޕީޕީ އެމްއިން ބުނެ އެވެ.

އަދި އެއީ ރިޝްވަތުގެ އަމަލެއްގެ ކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި ހައްގު ނޫން ހުކުމުގެ ހަދިޔާއެއްގެ ގޮތުގައި، އެއަށްވުރެ މަތީ މަގާމަކަށް ގާޒީ ޝަކީލު ބަދަލު ކުރާނެ ވާހަކަ އެއީ މީގެ ކުރިންވެސް މި ކޯލިޝަނުން ދައްކަމުން ގެންދިޔަ ވާހަކައެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެ އެވެ. އެންމެ ފުރަތަމަ ރައީސް ޔާމީނަށް ހުކުމް ކުރި ގާޒީ އަލީ ރަޝީދަށް ވެސް އެތައް މަންފާއަކާއެކު ވަޒީފާގެ ކުރިއެރުން ވަނީ ލިބިގެން ގޮސްފައި ކަމަށް އިދިކޮޅި ކޯލިޝަނުން ބުނެ އެވެ.